މައިންބަފައިން ބަލަހައްޓާ ދަރިން, ޔަތީމްވުން ހުއްޓުވަން ޖެހޭ!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
މައިންބަފައިން ބަލަހައްޓާ ދަރިން, ޔަތީމްވުން ހުއްޓުވަން ޖެހޭ!: މުފްތީ މެންކް

މައިން ބަފައިން ދިރިތިބެ އަދި މައިން ބަފައިންނާއި އެއްގެއްގައި އެމީހުންގެ ގާތުގައި ގެންގުޅެ ބަލަހައްޓާ ގިނަ އަދަދެއްގެ ކުޑަކުދިން މިއަދު ވަނީ ޔަތީމްވެފައެވެ. މައިންބަފައިން ދިރިތިބެ އެއްގެއެއްގައި ދިރިއުޅޭ ހާލުގައެވެ. މިއީ މިއަދު އިސްލާމީ މުޖުތަމައުގައި ވަރަށް ބޮޑަށް ކަންބޮޑުވާންޖެހިފައިވާ ކަމެކެވެ. މައިން ބަފައިން ދުނިޔޭގައި ނެތިގެން ޔަތީމްވެއްޖެނަމަ ބުނެވޭނެ  އެއްޗެއް ނެތެވެ. ނަމަވެސް މައިންބަފައިން ދިރިތިބެ އެމީހުން ގެންގުޅޭ ދަރިން ޔަތީމްވުމަކީ ވަރަށް ބޮޑު މައްސަލައެއް ނޫން ހެއްޔެވެ؟  

ބައްޕައިން މިބުނަނީ އެމީހުން "ބިޒީ" ކަމުން ދަރިންނަށް ވަގުތު ދެވެން ނެތް ކަމަށެވެ. މަންމަ ދަރިންނަށް ދޭ ވަގުތަށްވުރެ ގިނަ ވަގުތު ހޭދަކުރަނީ "މޭކަޕް" ކުރުމަށެވެ. ގެއަށް މީހަކު ޒިޔާރަތްކުރާނަމަ އެމީހާ އާއި ބައްދަލުކުރަން މޭކަޕްކުރަން ބައިގަޑިއިރު ނަގައެވެ. ޖެހިގެން ހުރި ފިހާރައަށް ދެވެނީ ވެސް އެވަރަށް މޭކަޕްކޮށްގެންނެވެ. ދެން ނިކަން ބުނެބަލާށެވެ! ދަރިން އެތިބީ މައިން ބަފައިން ދުނިޔޭގައި ތިބެ ޔަތީމްވެފައި ނޫން ހެއްޔެވެ؟ މިދައްކަނީ ހުރިހާ މައިންބަފައިންގެ ވާހަކައެއް ނޫނެވެ. މިގޮތަށް އުޅޭ މައިން ބަފައިން އިތުރުވަމުން އަންނަ ވާހަކައެވެ.  

ދަރިން އެކަނިވީމާ މިޒަމާނުގައި އެމީހުން ތިބެނީ ދުނިޔެއާއި ގުޅިގެންނެވެ. އެކިކުދިން ޝައުޤުވެރިވާނީ އެކި ކަންކަމަށެވެ. އެގޮތަށް ދުނިޔެއާއި ގުޅޭނެ ވަގުތު އިތުރުން ފައިދާހުރި ކަމެއް ކުރާނީ މަދު ކުއްޖެކެވެ. ގިނަ ކުދިން ކުރާނީ ގެއްލުންހުރި ކަންކަމެވެ. މައިންބަފައިންނަށް އެކަން މިއެނގެނީ ނުބައިކަމުގެ ތެރެއަށް ކުއްޖާއަށް ރަނގަޅަށް ވަދެވި މަގުފުރެދޭ ފަހުންނެވެ. އެހިސާބުން އެކުދިން ދެކެ ރުޅި އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެހިސާބަށް ދަރިފުޅު ފޮނުވީ އަމިއްލައަށް ނޫން ހެއްޔެވެ؟ 

އެންމެ ބޮޑަށް ބިޒީވެ ޢާއިލާ ޢާއި ދުރުހެލިވަނީ އަމިއްލަ މަސައްކަތްކުރާ މީހުންނެވެ. އެފަދަ މީހުންނަށް ހީވަނީ ހުރިހާ ކަމަކީވެސް ވީހައި ގިނަ ފައިސާ ޖަމާކުރުން ކަމަށެވެ. އެގޮތަށް މަސައްކަތްކޮށްގެން ގިނަ ފައިސާތަކެއް ޖަމާ ކުރެވިދާނެއެވެ. ނަމަވެސް އެކަން ކުރެވޭއިރު އަނބިދަރިން ގެއްލި މަގުފުރެދިފައިވާނަމަ ހޯދި ފައިސާތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އާޚިރަތް ދުވަހު ޖެހޭނީ ޢާއިލާއަށް ވީ އިހްމާލުގެ ޒިންމާ އުފުލާށެވެ! އަދި އެފަދައިން އަމަލުކުރާ މައިން ބަފައިންގެ ދަރިން ބޮޑެތިވާއިރު އެކުދިންނަށްވެސް ދަސްވެފައި އޮންނާނީ ކުރަންޖެހޭ ހުރިހާ ވެސް ކަމަކީ ވީހައި ގިނަ ފައިސާ ޖަމާކުރުން ކަމަށެވެ. އެހިސާބުން ދަރިންކޮޅު އެގޮތުންވެސް ގެއްލިގެން ދިއައީއެވެ. 

މިހާމަކުރީ ހަމަ ކޮންމެ ބެލެނިވެރިއަކުވެސް ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ތިމާއަށް އަމަލުކުރެވެނީ މިފަދަ ގޮތަކަށް ކަމުގައިވާނަމަ ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ. ތިމާމެންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވިއްޖެނަމަ، ދަރިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ނުޖެއްސުވިއްޖެ ނަމަ ޖަމާކުރި ފައިސާތަކުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެކަމުން ކުރިމަތިލާން ޖެހޭނީ ގެއްލުމާއި އަނިޔާ އާއި ނޫން ހެއްޔެވެ؟ ގަދަފަދަ ޢަޛާބާއި ނޫން ހެއްޔެވެ؟ 

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން