ދަނޑުވެރިކަމާއި، މަސްވެރިކަމުގައި އުޅޭ އަމިއްލަ މީހުންނަށް، މާލީ އިދާރާތަކުންނާއި، ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި ކަމަށާއި މި ސްކީމްގެ ދަށުން މިހާތަނަށް ދުއިސައްތަ އެއް މަސްވެރިން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ [މަސްވެރިޔާ އެކައުންޓް] ހުޅުވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަސްވެރީން ގަންނަ ޑީސަލުން ނަގަމުން އައި ޑިއުޓީއާއި، ދަނޑުވެރިކަމަށް އިމްޕޯޓްކުރާ ތަކެތިން ނަގަމުން އައި ޑިއުޓީ މިހާރު ވާނީ ކަނޑާލާފައި ކަމަށާއި މީގެ ފައިދާ މަސްވެރީންނަށާއި ދަނޑުވެރީންނަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި، އެސް.އެމް.އީ ބޭންކުގެ ޚިދުމަތް މިހާރުވަނީ ފެށިފައި ކަމަށާއި މިއީ ރައްޔިތު މީހާގެ މާލީ ޙާލަތު ރަނގަޅުކޮށްދިނުމަށް އަމާޒުކޮށްގެން ކުރެވުނު މުހިންމު ބައެއް ކަންތައްތައް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ހަމައެފަދައިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެތެރެއިންވެސް، ފާހަގަކޮށްލެވޭ އެއްކަމަކީ، ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވައިލުން. އަދި ރާއްޖެއިން ބޭރުގައި ކިޔެވުމަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއްވެސް ތަޢާރުފް ކުރެވިއްޖެ.
އަޅުގަނޑު ދެކޭގޮތުގައި މިއީވެސް އިންޤިލާބީ ބަދަލުތަކެއް. މަތީ ތަޢުލީމުގެ ފުރުޞަތު، ކޮންމެ ދިވެހި ޒުވާނަކަށްވެސް ލިބިދޭންޖެހޭ. މިކަމާ ގުޅިގެން ދިވެހި ކޮންމެ ޢާއިލާއަކަށް ހިތްހަމަޖެހުން ލިބޭނެ. މިއީ ޢިލްމީ، ހުނަރުވެރި އަދި ވިސްނުންތެރި ޒުވާން ޖީލެއް ބިނާކުރުމުގެ ބިންގާ.
މި ސިޔާސަތުގެ ހެޔޮ ބަދަލު މުޅި ރާއްޖެއަށް ލިބިގެންދާނެ. މީގެއިތުރުންވެސް ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމްވެސް މިހާރުވަނީ ފެށިފައި. މިއީ ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް.
ހަށިހެޔޮ، ދުޅަހެޔޮ ރައްޔިތެއްގެ މުހިއްމުކަން ކިތަންމެހާވެސް ބޮޑު. މިދިޔަ ހޯމަ ދުވަހު އަޅުގަނޑުމެން ހުޅުވި، މެންޓަލް ހެލްތު ސެންޓަރުން، ނަފްސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ފަރުވާކުރެވޭނެ. މިއީ މިފަދަ ސެންޓަރެއް، ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ފަހަރުކަންވެސް އަޅުގަނޑު ފާހަގަކުރަން.
އަޅުގަނޑުމެންގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އަޅުގަނޑު އެންމެ ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، ސަރުކާރުގައި ވަޒީފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް، މުސާރައާއެކު ލިބޭނެގޮތް ހަމަޖެއްސުން.
އަޅުގަނޑު ހިތުން މިއީ، ސަރުކާރުން ކުރި ވަރަށް މުހިއްމު، އަދި ކުރަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި މުޅި ޤައުމު ބަލައިގެންފި. އޭގެ އެއް ހެތްކަކީ، އަޅުގަނޑުމެންގެ އެ ނިންމުން ނަމޫނާއަކަށް ބަލައިގެން، ޖުޑިޝަރީންވެސް އެގޮތަށް ނިންމުން. ބައެއް ކުންފުނިތަކާއި، ބައެއް މިނިވަން މުއައްސަސާތަކުންވެސް، އެގޮތަށް ޗުއްޓީ ދޭން މިހާރު ނިންމައިފި.
އަޅުގަނޑުމެންގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި، ޖުމްލަ 160 ވަޢުދެއް ހިމެނޭ. އޭގެތެރެއިން މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ވަނީ 83 ޕަސެންޓް ވަޢުދު ފުއްދިފައި. ދެން ހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރެވެމުން.
މުޅިން ޚަރާބުވެފައި އޮތް ހިންގުމުގެ ނިޒާމެއްގެ ތެރެއަށް ވަދެ، ކަންކަން އިޞްލާޙު ކުރަން ބޭނުންވާ ބަޔަކަށް، 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް. އެހާ ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ގިނަ ކަންތައްތަކެއް، ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ފުރިހަމަކޮށްދެއްވިކަމަށްޓަކައި، ކެބިނެޓްގެ ހީވާގި ވަޒީރުންނަށާއި، އެބޭފުޅުންގެ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.