ސަރުކާރުން ކަރަންޓުގެ އަގުހެޔޮކޮށްދިނީ ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށްދިނުމަށް ކަމަށާއި ސަރުކާރުން މި އެޅި މުހިއްމު ފިޔަވަޅު، ރައްޔިތުން ހެޔޮގޮތުގައި ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކަރަންޓުގެ އަގަށް މި ގެނައި ބަދަލުތަކުގެ ލުއި، 1 މާރިޗުން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި ލުއިތައް، މި ތާރީޚުން ފެށިގެން އެޕްލައި ކުރެވި، ގޭބިސީތަކާއި ވިޔަފާރިތަކުގެ ކަރަންޓު ބިލުން ފެންނަން ފަށާނ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ، އަދި މީޑިޔާ މެދުވެރިކޮށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މި ބައްދަލުކޮށްލަނީ، ވަރަށް މުހިންމު ދެ ކަމެއް ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުމަށް. އޭގެތެރެއިން ފުރަތަމަ ޙިއްޞާކޮށްލާނީ، ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ވަރަށް މުހިއްމު ވާހަކައެއް.
އެއީ، މިއަހަރުގެ މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރި ވާހަކަ. މިއީ އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަޤު ނައްތައިލުމުގެ ސިޔާސަތުގެ ދަށުން، އަދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ގެނައި ހެޔޮ ބަދަލެއް.
މިގޮތުން ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމާފައިވަނީ، ތިން ބަޔަކަށް ބަހާލައިގެން. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަޤު ނެތިގެންދާނެ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތްވެގެންދާނެ.
ކަރަންޓުގެ އަގަށް މި ބަދަލު ގެނައުމުން، ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ. މި ގޮތުން މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް ދެހާސް ދުއިސައްތަ ރުފިޔާ ހޭދަކުރާނަމަ، ދެން ދައްކަންޖެހޭނީ، ގާތްގަނޑަކަށް އެއްހާސް ހަތްސަތޭކަ ރުފިޔާ.
ކެމްޕޭންގައި، އަޅުގަނޑުމެން ރަށްރަށަށް ކުރި ދަތުރުތަކުން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ލިބެމުން އައީ، ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ޝަކުވާ. އަޅުގަނޑުމެން ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް، އެއްހަމަ ކުރެވިފައިވާނެ. މިގޮތުން، އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައްވެސް ވާނީ ކުޑަކުރެވިފައި.
މި ބަދަލު ގެނައުމުން ރަށްރަށުގައި، ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަންޖެހޭ މިންވަރު، ބޮޑުތަނުން ކުޑަވެގެންދާނެ. މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ، ސީދާ ރައްޔިތުންނަށް ލިބޭނެ ބަދަލުތަކެއް.
ކަރަންޓުގެ އަގު ކުޑަކުރުމުން، ވިޔަފާރިތަކުން ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ލިބޭ ފައިދާ އިތުރުވެ، ރައްޔިތުންނަށް ރަނގަޅު ޚިދްމަތްތަކެއް ދިނުމަށް ފުރުސަތު ހުޅުވިގެންދާނެ. މި ބަދަލު ގެނައުމުން، ރަށްރަށުގައި ކަރަންޓު ބިލަށް، ގާތްގަނޑަކަށް ހަތަރުހާސް ހަސަތޭކަ ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން، ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް ތިންހާސް ހަތަރުސަތޭކަ ރުފިޔާ. މިއީ ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު އެއްހާސް ދުއިސައްތަ ރުފިޔާ.
މީގެއިތުރުން ޑީސަލުން ނަގަމުން އަންނަ ފަސް އިންސައްތައިގެ ޑިއުޓީ، ސަރުކާރުން ކަނޑައިލުމުން، ސަލާމަތްވާނެ މިންވަރު ކަނޑައެޅުމަށްފަހު، އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓް ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭ ގޮތަށްވެސް ސަރުކާރުން ވަނީ ނިންމާފައި. މި ބަދަލުގެ ސަބަބުން ކަރަންޓުގެ އަގު އިތުރަށް ކުޑަކުރެވި، މާލެއާއި ރަށްރަށުގެ ހުރިހާ ގޭބިސީތަކާއި ވިޔަފާރިތަކަށްވެސް އެކަމުގެ މަންފާ ލިބިގެންދާނެ.
ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމުމުގެ މައިގަނޑު ދެ ވިސްނުމެއް އެބައޮތް. އެއް ވިސްނުމަކީ މާލެއާއި އަތޮޅުތަކާ ދެމެދު އޮންނަ ފަރަޤު ކުޑަކުރުން. އަޅުގަނޑަށް ވިސްނުނީ މިއީ ދައުލަތުން ބުރައެއް އުފުލައިގެންވިޔަސް، ކުރަން ޖެހިފައިވާ ކަމެއް ކަމަށް. އަތޮޅުތައް ތަރައްޤީ ކުރެވޭނީ މިފަދަ ސިޔާސަތުތައް އިސްކޮށްގެން.
ދެވަނަ ވިސްނުމަކީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުން. އާދައިގެ ކަންމަތީ ފިހާރައަކުން، މަހަކު ފަސްހާސް ރުފިޔާ ކަރަންޓަށް ހޭދަކުރުމަކީ، ހަމަ ޔަޤީނުންވެސް އެފަދަ ވިޔަފާރިތަކަށް ބުރައަކަށްވާނެ. ކަރަންޓު ބޭނުންނުކޮށް ކުރެވޭ ހަމަ އެއްކަމެއްވެސް މިއަދު ނެތްއިރު، ވިޔަފާރިތަކުގެ މިފަދަ ޚަރަދުތައް ކުޑަވުމުން، އެ ވިޔަފާރިތައް ކުރިއެރުމަށް ބާރު ލިބި، އެކަމުގެ ހެޔޮ ބަދަލު މުޅި އިޤްތިޞާދަށް ލިބިގެންދާނެ.
ކަރަންޓުގެ އަގު މިއަދު މިހެން ކުޑަކުރިކަމުގައިވިޔަސް، ދުރު ރާސްތާގައި، ރާއްޖޭގައި ހަކަތަ އުފެއްދުން، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަންޖެހޭ. އެހެން ގޮތަކަށް ބުނާނަމަ، ޖަނަރޭޓަރުގެ ބަދަލުގައި، ދެން އަޅުގަނޑުމެން ފައިސާ ޚަރަދުކުރަންވީ، ސޯލާ ޕެނެލާއި، އިއާދަކުރަނިވި ހަކަތަ އުފައްދާ އެފަދަ ވަސީލަތްތަކަށް. އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނަމަ، މިހާރަށްވުރެ މާ ހެޔޮއަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ.