މިސަރުކާރުގެ ވެރިކަމުގަ މިހައިތަނަށް 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިފައިވާ ކަމަށާއި އަދިވެސް އިތުރު ހިލޭ އެހީ ލިބުމަށް އަންނަނީ ހަމަޖެހެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ވެރިކަމަށް 100 މަސައްކަތު ދުވަސް ފުރުން ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ވެރިކަމުގައި މިހައިތަނަށް ދައުލަތުގެ އާމްދަނީ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މިއީ ޤައުމުގެ ފަތުރުވެރިކަން ރަނގަޅުވެ އިޤްޠިޞާދު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަހަރުގެ ބަޖެޓުން މިހާރުވެސް 3.9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ތަފާތު މަޝްރޫއުތައްވެސް އަންނަނީ ހިނގަމުން ކަމަށެވެ. އަދި އަލަށް ފަށަން ހަމަޖެހިފައިވާ ބައެއް މަޝްރޫއުތައް ވަނީ އިއުލާނު ކުރެވިފައި ކަމަށާއި ބައެއް މަޝްރޫއުތައް ފަށަން ވެސް އަންނަނީ ތައްޔާރުވަމުން ކަމަށެވެ.