ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 20

މިއަދު
ކިޔުމަށް ހޭދަވާނީ 13މ 47ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 20

(وَالْبَاقِيَاتُ الصَّالِحَاتُ) ބަހުންނާއި ޢަމަލުން ކުރެވޭ ހެޔޮ ޢަމަލުތައް، އޭގެ ތެރޭގައި ހެޔޮ ޛިކްރާއި، ނަމާދާއި ޞަދަގާތް، ރޯދަ، ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީ ކުރުން، އަދި މިނޫންވެސް ކަންތައްތައް ހިމެނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (اسْتَكْثِرُوا مِنَ الْبَاقِيَاتِ الصَّالِحَاتِ ، قِيلَ : وَمَا هُنَّ يَا رَسُولَ اللَّهِ ؟ قَالَ : التَّكْبِيرُ ، وَالتَّهْلِيلُ ، وَالتَّسْبِيحُ ، وَالْحَمْدُ لِلَّهِ ، وَلا حَوْلَ وَلا قُوَّةَ إِلا بِاللَّهِ) މާނައަކީ: "ބާގިޔާތުއްޞާލިޙާތު އިން ތިޔަބައިމީހުން ގިނަކުރާށެވެ." ދެންނެވުނެވެ. "ﷲގެ ރަސޫލާ އެވެ. އެއީ ކޮން އެއްޗެއްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ތަކްބީރު ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަސްބީޙަ ކިޔުމާއި، ޙަމްދު ކުރުމާއި، ލާޙައުލަ ވަލާ ގުއްވަތަ އިއްލާ ބިއްލާހި، މިފަދައިން ކިޔުމެވެ."

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (لأَنْ أَقُولَ : سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ ) މާނައަކީ: "އިރު އެއެއްޗެއްގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ ސުބްޙާނަﷲ ވަލްޙަމްދު ލިއްލާހި، ވަލާއިލާހަ އިއްލަﷲ ވަﷲ އަކްބަރު، މިފަދައިން ކިޔުން ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑެވެ."

( وَالْبَاقِيَاتُ الصَّالِحَاتُ) ގެ މުރާދަކީ ފަރްޟު ފަސް ނަމާދު ކަމުގައި އިބްނު ޢައްބާސް، ސަޢީދު ބިން ޖުބައިރު، މަސްރޫގު- ރަޟިޔަﷲ އަންހުމް- ގެ ކިބައިން ރިވާވެގެން ވެއެވެ.

(وَالْبَاقِيَاتُ الصَّالِحَاتُ) އެއީ އެންމެހައި ހެޔޮ ޢަމަލުތައް ކަމުގައި ގަތާދާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

(خَيْرٌ عِندَ رَبِّكَ ثَوَابًا  ) ޘަވާބާއި ދަރުމަ ދެއްވުމުގައި،

( وَخَيْرٌ أَمَلًا ) އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ. ސަބަބަކީ މިއީ ދާއިމަށް ދެމިހުންނާނެ ތަކެއްޗެވެ. ދުނިޔެ އާއި ދުނިޔޭގައިވާހާ ޒީނަތްތެރި ކަމަކީ ފަނާވެގެންދާނެ ތަކެއްޗެވެ.

ޢަލީ ބިން އަބީޠާލިބް ރަޟިޔަﷲ ޢަންހު ވިދާޅުވި ބަސްފުޅެއްގައިވެއެވެ. "މުދަލާއި ދަރިންނަކީ ދުނިޔޭގެ ގޮވާމެވެ. ހެޔޮ ޢަމަލަކީ އާޚިރަތުގެ ގޮވާމެވެ."

(وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧ )

މި އާޔަތުގައި ﷲ ތަޢާލާ މިއަންގަވަނީ ގިޔާމަތް ދުވަހުގެ ވާހަކައެވެ. އެދުވަހުގެ ބިރުވެރި ކަމުގެ ވާހަކައެވެ. އެދުވަހުގައި އުފުލަން ޖެހޭނެ ބުރަތަކުގެ ވާހަކައެވެ.

(وَيَوْمَ نُسَيِّرُ الْجِبَالَ) " އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ!"

ސޫރަތުއް ނަބައުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا﴿٢٠  ) މާނައަކީ: " އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ." ދެން އެއަށްފަހު ފަރުބަދަތައް ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ވެގެންދެއެވެ.

ސޫރަތުލް ގާރިޢާގެ 5 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ﴿٥  ) މާނައަކީ: " އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ." މިފަދައިން ފަރުބަދަތައް ވެގެންދަނީ ﷲ ތަޢާލާ ބިންގަނޑު ފުނޑުފުނޑުކޮށްލެއްވުމާއި ގުޅިގެންނެވެ. އެޔާއި ވިދިގެން ފަރުބަދަތައް ފައިބައިގެންދާ ވެލިފުންޔެއް ފަދައިން ވެގެންދެއެވެ. ސޫރަތު މުއްޒައްމިލްގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا ﴿١٤ ) މާނައަކީ: " އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުށްޓެވެ." ދެން އެޔަށްފަހު ފަރުބަދައިގެ އެތިކޮޅުތައް ޖައްވައް ބުރައިގެންދެއެވެ. ސޫރަތުއް ނަމްލުގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ ۚ صُنْعَ اللَّـهِ الَّذِي أَتْقَنَ كُلَّ شَيْءٍ ۚ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ ﴿٨٨ ) މާނައަކީ: " އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّهގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ސޫރަތުލް ވާގިޢާގެ 5 އަދި 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَبُسَّتِ الْجِبَالُ بَسًّا ﴿٥﴾ فَكَانَتْ هَبَاءً مُّنبَثًّا ﴿٦) މާނައަކީ: " އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ."

 ސޫރަތު ޠާހާގެ 105 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥) މާނައަކީ: " އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ."

(وَتَرَى الْأَرْضَ بَارِزَةً  ) " (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ." އެހެނީ އެދުވަހު ބިންމަތީގައި ގަހެއް ފަރުބަދަ އެއް ނުހުންނާނެއެވެ. ސޫރަތު ޠާހާގެ 106 އަދި 107 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧) މާނައަކީ: " ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ. އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ."

( وَحَشَرْنَاهُمْ  ) އެންމެހައި މީސްތަކުން މަޙްޝަރު ކުރައްވާނެއެވެ. އަދިކިއެއްތަ، ވަލު ޖަނަވާރުތައްވެސް މަޙްޝަރު ކުރައްވާނެއެވެ. ސޫރަތުއް ތަކްވީރުގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَإِذَا الْوُحُوشُ حُشِرَتْ ﴿٥ ) މާނައަކީ: " އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ." އަދިކިއެއްތަ، ބިމުގައި ބަނޑުޖަހާ އުޅުނު ހުރިހާ ތަކެއްޗެއް އެދުވަހުން މަޙްޝަރު ކުރައްވާނެއެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތުލް އަންޢާމްގެ 38 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  (وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨) މާނައަކީ: " ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّةތަކެއް ކަމުގައި ނޫޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامةދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرةއަށެވެ."

(فَلَمْ نُغَادِرْ مِنْهُمْ أَحَدًا  )

( فَلَمْ نُغَادِرْ )ދޫކޮށެއް ނުލައްވަމުއެވެ. ވަޢްދަށް "ޣަދަރު" ވެރިވުން ނެގިފައިވަނީ މިލަފްޡުންނެވެ. އެހެނީ ވަޢްދު ފުއްދުން ދޫކޮށްލުމެވެ.

(مِنْهُمْ أَحَدًا  ) އެއްވެސް މީހަކު މަޙްޝަރު ނުކުރައްވާ ދޫކޮށެއް ނުލައްވަމުއެވެ. ކަނޑުގައި މަރުވިޔަސް، އެއްގަމުގައި މަރުވިޔަސް، ކޮންމެ ގޮތަކަށް ކޮންމެ ތަނެއްގައި މަރުވިޔަސްވެސް އެމީހަކު މަޙްޝަރު ކުރައްވާނެއެވެ.

(وَعُرِضُوا عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴿٤٨  )

( وَعُرِضُوا عَلَىٰ رَبِّكَ صَفًّا ) " އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ."އެދުވަހުގައި އެބިމަށް އެންމެހައި މީސްތަކުން މަޙްޝަރު ކުރައްވާނެއެވެ. އެދުވަހުގައި އެބިމަށް އެންމެހައި މީސްތަކުން މަޙްޝަރު ކުރައްވާނެއެވެ. އަދި އެންމެހައި މީސްތަކުން ޞަފުޞަފަށް ހުށަހެޅިގެންދާނެއެވެ. އެބައިމީހުންގެ ޢަމަލުތަކުގެ ޖަޒާ އަށް އިންތިޡާރު ކުރަމުން ގެންދާނެއެވެ. މާތް ﷲ ގެ ޢަދްލުވެރި ޙުކުމް އެވެރިންގެ މައްޗަށް އިއްވަވާނެއެވެ. އެޙުކުމްގައި އެއްވެސް ބޭއިންޞާފެއް އަނިޔާވެރިވުމެއް ނޯންނާނެއެވެ.އެހިނދު މާތް ﷲ އެބައިމީހުންގެ ޢަމަލުތަކުގެ ޙިސާބު ބައްލަވާނެއެވެ. އެބައިމީހުންގެ ޙިސާބު ބެއްލެވޭ ގޮތް ބަޔާން ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

- ނުނިމޭ - 

މިއަދު އޮންލައިން