ސިޔާސީ ސަބަބުތަކަށްޓަކައި ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކުރިކަމަށް ޝަކުވާ ހުށަހެޅި 812 މީހުންގެ ތެރެއިން 104 މީހަކަށް ވަޒީފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މީހުން ޝަކުވާ ހުށަހެޅުމަށް ދެއްވި ފުރުސަތުގައި 812 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.
ރައީސް ސޯލިހުގެ ރިޔާސީ ވައުދެއްކަމަށްވާ ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރި ފަރާތްތަކަށް ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށް ރައީސް އެކުލަވާލި ހާއްސަ ކޮމިޝަނުން މައްސަލަ ބަލައި 104 ފަރާތަކަށް ވަޒީފާ ދިނުމަށް ވަނީ ހުށަހަޅާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކުރީގެ އެންމެ ގިނައިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި އެމްޕީއެލް އިންނެއެވެ.