ދައުލަތުގެ ފުރިހަމަ ހަރަދުގައި މަތީ ތައުލީމު ހާސިލުކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި އެނބުރި ގައުމަށް ހިދުމަތްކުރަން ނާންނަ ދަރިވަރުންގެ އަތުން އެ ފައިސާ އަނބުރާ ހޯދާ ގޮތަށް އުސޫލުތައް ބަދަލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ފުލް-ފަންޑެޑް ސްކޮލާޝިޕްތަކުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިން ނަމަވެސް، ކިޔެވުން ނިންމައިގެން ގައުމަށް އެނބުރި އަންނަނީ ވަރަށް މަދު ކުދިންކޮޅެއް ކަމަށާއި، ބައެއް ކުދިން އެއްގޮތަކަށްވެސް ގައުމަށް ހިދުމަތްކުރަން ނާންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގެނައި ބަދަލާއެކު، ސައްހަ އުޒުރެއް ނެތި ގައުމަށް ހިދުމަތްކުރަން ދެކޮޅުހަދާ ފަރާތްތަކުން ދައުލަތުން ހޭދަކުރި ހުރިހާ ފައިސާއެއް އަނބުރާ ދައްކަން މަޖުބޫރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމުމަކީ އާންމުންގެ މެދުގައި އެހާ މަގުބޫލު ނޫން ("އަންޕޮޕިއުލާ") ނިންމުމަކަށް ވެދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކިތަންމެ މަގުބޫލު ނޫން ފިޔަވަޅެއް ކަމުގައި ވިޔަސް، ގައުމަށް ފައިދާހުރި އަދި އިހުލާސްތެރި ކަމެއްގެ ގޮތުގައި ފެންނަ ކޮންމެ ކަމެއް ސަރުކާރުން ސާބިތުކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށެވެ.
ތައުލީމީ ދާއިރާއިން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހާސިލުކުރެވުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށް، ގާތްގަނޑަކަށް 11،000 ދަރިވަރުންނަށް އެ ފުރުސަތު ތަނަވަސްކޮށްދީފައެވެ. މީގެ ތެރޭގައި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތައް ކަމަށްވާ މެޑިސިން، ނާސިން، އިންޖިނިއަރިން އަދި އެކައުންޓިން ފަދަ ދާއިރާތަކުން މީހުން ބިނާކުރުން ހިމެނެއެވެ. އަދި ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް މަތީ ތައުލީމުގެ ލޯނު ދޫކުރުމާއި، ރަށްރަށުގައި ކެމްޕަސްތައް ގާއިމުކުރުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އޯލެވެލް ނިންމުމަށްފަހު އޭލެވެލްއަށް ކިޔަވަން ވަންނަ ދަރިވަރުންގެ ނިސްބަތް، ކުރިން ހުރި 37 އިންސައްތައިން މިހާރު 46 އިންސައްތައަށް ކުރިއަރާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ މެދުގައި ގައުމީ ލޯތްބާއި ޒިންމާދާރުކަން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ "ވަތަނީ ހިދުމަތުގެ ޕްރޮގްރާމް" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 1028 ޒުވާނުން އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަހަރަކު 1000 ދަރިވަރުންނަށް އޮންނަ ޖާގަ، ކުރިއަށް އޮތް ތަނުގައި 1500 އަށް އިތުރުކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އުސް އިމާރާތްތަކެއް ބިނާކުރުމަށްވުރެ ބޮޑަށް ގައުމުގެ މުސްތަގުބަލަށްޓަކައި އެންމެ މުހިންމީ، ގައުމު ދެކެ ލޯބިވާ، ވަފާތެރި އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.