އިދިކޮޅު ފަރާތްތަކުން ތިބީ ޚިޔާލީ ދުނިޔެއެއްގައި، ސަރުކާރު ކުރިއަށްދާނީ ރައްޔިތުންނާއެކު: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އިދިކޮޅު ފަރާތްތަކުން ތިބީ ޚިޔާލީ ދުނިޔެއެއްގައި، ސަރުކާރު ކުރިއަށްދާނީ ރައްޔިތުންނާއެކު: ރައީސް

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންނާ އެކީގައި ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ޖެހޭނީ "ޚިޔާލީ ދުނިޔެއެއްގައި" ތިބެން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖަހާފައިވާ ޚާއްޞަ ބޮޑު ޓެންޓުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ހުސް ވާހަކަތަކެއް ދެއްކެވުން ނޫން ކަމަށާއި، އަބަދުވެސް ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުން ކަމަށެވެ. އެގޮތުން ސަރުކާރުން އަބަދުވެސް އުޅޭނީ ޙަޤީޤީ ދުނިޔޭގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ފަރާތްތައް ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި ސަރުކާރުން ރައްޔިތުންނާއެކު ދާނީ ހަގީގީ ދުނިޔޭގައި ކުރިއަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޤައުމުގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުތަކާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ޤައުމީ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތަފްޞީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

މީގެއިތުރުން، ޒުވާނުން ބިނާކުރުމަށް ފެށުނު "ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް" އަދި ދީނީ ހޭލުންތެރިކަން އިތުރުކޮށް ޤުރުއާން ހިތުދަސް މީހުން އުފެއްދުމަށް ހިންގާ "ޒުވާން ޙާފިޒުންގެ ޕްރޮގްރާމް" އަށް ލިބިފައިވާ ބޮޑު ކާމިޔާބީއަކީ ސަރުކާރުން ނެރެދީފައިވާ މުހިންމު ނަތީޖާތަކެއް ކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 

 

މިއަދު އޮންލައިން