ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތަށް ގެއްލުންވާނެ އެއްވެސް އިންވެސްޓްމަންޓެއް ނާންނާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 44ސ
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތަށް ގެއްލުންވާނެ އެއްވެސް އިންވެސްޓްމަންޓެއް ނާންނާނެ: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތީ ބާރަށް އަދި އިސްލާމީ އުސޫލުތަކަށް ކިރިޔާވެސް ބުރޫއަރާފަދަ އެއްވެސް އިންވެސްޓްމަންޓަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ގައުމުގެ އެންމެ މުހިންމު އަސާސަކީ އިސްލާމްދީން ކަމަށާއި، ދީނުގެ މިންގަނޑުތަކާ ހިލާފު އެއްވެސް ކަމެއް ހިންގުމަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫއު ކުރިއަށްގެންދަން އަބޫދާބީގެ ސާހް ގްރޫޕާ ވަނީ ހަވާލުކޮށްފައެވެ.

ރަސްމާލެ މަޝްރޫއާ ގުޅުވައިގެން، އެ ސަރަހައްދުގައި ޔަހޫދީން ނުވަތަ އިސްރާއީލު މީހުން ވަޒަންވެރިކުރުވައި، ރަލާއި އޫރުމަހުގެ ވިޔަފާރި އަދި ކެސީނޯ ފަދަ އިސްލާމްދީނާ ހިލާފު ކަންކަން ހިންގަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ރައީސް ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ފޮނުވާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި އެ މަނިކުފާނުގެ ސަރުކާރުގެ ހަމަތަކާއި ދިވެހިންގެ އަގުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެ ބިލުގެ ދަށުން ރާ ވިއްކުމާއި، އޫރުމަހުގެ މުއާމަލާތްތަކާއި ކެސީނޯ އެޅުން ފަދަ އެއްވެސް ކަމަކަށް ހުއްދަ ނުދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަޑް، އަޅުގަނޑުމެން ގަބޫލުކުރާ ހަމަތައް އިންވެސްޓްކުރާ ފަރާތަކަށް ގަބޫލު ނުކުރެވޭ ނަމަ، އެ ފަރާތަކުން ރާއްޖޭގައި އިންވެސްޓް ނުކުރާނެ. އަޅުގަނޑުމެންނަށް މުހިންމެއް ނޫން އިސްލާމް ދީނާއި މިނިވަންކަމާއި ސިޔާދަތާއި އުޅުންތަކާއި ގުޅުންތަކަށް ބުރޫ އަރާނެ ކަންކަމެއް،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އިންވެސްޓްމަންޓްތަކާ ގުޅުވައިގެން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދާ ފަރާތްތަކުގެ މާޒީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެއީ ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ ބޭތިއްބުމަށާއި، ގައުމުގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ފަސްނުޖެހުނު ފަރާތްތައް ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކަށް ރައްޔިތުން ސަމާލުނުވުމަށާއި، އިންވެސްޓްމަންޓްތަކާމެދު ގައުމުގައި ނުތަނަވަސްކަން އުފައްދަން ކުރާ މަސައްކަތްތައް ބަލައިނުގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ. ސަރުކާރުގެ ހުރިހާ ސިޔާސަތެއްވެސް ހިންގަމުންދާނީ ރައްޔިތުންނަށް ދެފުށް ފެންނަ، ދިވެހި ގައުމާއި ދީނުގެ މަސްލަހަތު އިސްކޮށްގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން