މި ހިނގާ އަހަރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ތާރީޚީ މިންވަރަކަށް މައްޗަށް ޖެއްސުނު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި މާލީ އަދި އިޤްތިޞާދީ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ ތަފްސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ ހަމައަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 1.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ. ނަމަވެސް، ބޭރުގެ ދަރަނިތައް ބަރާބަރަށް އަދާކުރުމާއި ދުނިޔޭގެ ބާޒާރުގެ ހާލަތަށް އައި ބަދަލުތަކާ ގުޅިގެން ރިޒާވަށް މިހާރު ކޮންމެވެސް ވަރެއްގެ ދަށްވުމެއް އައިސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އަޅަމުންދާ އިޤްތިޞާދީ ފިޔަވަޅުތަކާއެކު އިރާދަކުރެއްވިއްޔާ އަންނަ އަހަރަކީ ރިޒާވް އަނެއްކާވެސް ބޮޑުތަނުން މައްޗަށްދާނެ އަހަރެއް ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށް ސަރުކާރުން ކުރި ބޮޑު ހޭދައަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނި އަދާކުރުމަށް އެކަނިވެސް 1.45 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެވިފައިވާ ކަމަށެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރީގެ ދިހަ އަހަރު ދުވަހު ދަރަނި ދެއްކުމަށް ދައުލަތުން ކުރި ޚަރަދާ އަޅާބަލާއިރު 483 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ދަރަނިތައް ގަވާއިދުން އަދާކޮށް، ރިޒާވް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާރު އެއް ދަރަޖަ މައްޗަށް ޖެހި، އިޤްތިޞާދު އިސްތިޤްރާރުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ތަންފީޒުކުރަމުންދާ ހަރުދަނާ މާލީ އިޞްލާޙީ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ފުރިހަމަ އިތުބާރާއި ތައުރީފު ލިބެމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.