ރާއްޖޭގައި އިންވެސްޓު ކުރެވޭނީ ސަރުކާރުގެ އުސޫލުތައް ގަބޫލުކުރާ ފަރާތްތަކަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 48ސ
ރާއްޖޭގައި އިންވެސްޓު ކުރެވޭނީ ސަރުކާރުގެ އުސޫލުތައް ގަބޫލުކުރާ ފަރާތްތަކަށް: ރައީސް

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނީ މި ސަރުކާރުން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑުތަކާއި އުސޫލުތަކަށް އިހުތިރާމްކޮށް، އެ ކަންކަން ބަލައިގަންނަ ނަމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގައި ދިވެހި ދައުލަތުން އަބަދުވެސް ހިފަހައްޓާނެ މައިގަނޑު އަސާސްތަކެއް ހުންނާނެ ކަމަށެވެ. އަދި އެ އުސޫލުތައް ގަބޫލުނުކުރެވޭ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެމަނިކުފާނު ސާފުކޮށް ބަޔާންކުރެއްވިއެވެ.

ރަސްމާލޭގައި ތަރައްގީކުރުމަށް ރޭވިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅުވައިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ފަތުރަމުންދާ އަޑުތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ކަންކަމުގެ ހަގީގަތް އޮޅުވާލުމަކީ ވާދަވެރިން އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް މީގެ ކުރިން ވެސް އެކި މަންސަތަކުގައި ސާފު ޖަވާބުތަކެއް ދެއްވާފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއެއްގެ ވެސް އެންމެ މައިގަނޑު އަސާސަކީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ތަރުތީބުކުރުމެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހު ވެސް ސަރުކާރުން ސާބިތުވެ ތިބީ އެ އުސޫލުތަކުގެ މަތީގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ސަރުކާރު ދެމިއޮތްހާ ހިނދަކު ވެސް އެ ސިޔާސަތުތައް އެގޮތުގައި ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.

ފަޅުތެރޭގައި ވަކިން ތަރައްގީކުރެވޭ ތަންތަނުގައި ޓޫރިޒަމް ގާނޫނުގެ ދަށުން ބަނގުރާ ވިއްކުމުގެ ހުއްދަ އޮންނާނެ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ރަސްމާލެއަކީ އެއްފަސްކޮށް އޮންނަ ބިމެއް ނޫން ކަމަށެވެ. އަދި އެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުން ވެސް، އިޖުތިމާއީ ގޮތުން ނޭދެވޭ އެއްވެސް ކަމަކަށް ޖާގަ ނުދޭނެކަން ސާފުކޮށް އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއެކު މިފަދަ މަޝްރޫއުތަކުގައި ބައިވެރިވެ އިންވެސްޓް ކުރެވޭނީ މި ހަމަތައް ގަބޫލުކުރާ ފަރާތްތަކަށް. ރަސްމާލޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކާ ވާހަކަދެކެވިފައި ވަނީ މި އުސޫލުތަކުގެ މައްޗަށް. އަޅުގަނޑުމެންގެ މިންގަނޑަކީ މިއީކަން ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި ވާނީ. ކުރިއަށްދާނީ މި އުސޫލުތަކާ އެއްގޮތަށް. އެހެންކަމުން އެ ފަރާތްތަކަށް އެކަން ސާފުވާނެ. މި ހަމަތައް ގަބޫލުނުކުރެވޭނަމަ އެ ފަރާތަކުން އިންވެސްޓް ނުކުރިޔަސް އެންމެ ރަނގަޅު،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމާއި، އަހުލާގީ އަދި އިޖުތިމާއީ ގުޅުންތަކަށް ބުރުލެއް އަރާފަދަ އެއްވެސް ކަމެއް ސަރުކާރުން ބަލައިނުގަންނާނެ ކަމަށެވެ. އަދި ސަރުކާރު އަބަދުވެސް ދެމިއޮންނާނީ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށް ވިދާޅުވިއެވެ. މާޒީގައި މި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ވާދަވެރިން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކަށް ސަމާލުކަން ނުދިނުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

 

މިއަދު އޮންލައިން