ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތަފުސީލު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ 156 ހަފުތާގެ ތެރޭގައި ސަރުކާރުގެ އެކި ދާއިރާތަކުން ހާސިލުކޮށްފައިވާ މުހިންމު ކަންކަމާއި ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތަފުސީލީ މަޢުލޫމާތު މި ފޮތުގައި ހިމެނިފައިވާނެ ކަމަށެވެ. އަދި ކުރީގެ އަހަރުތަކާ ޚިލާފަށް، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އާންމުންނަށް ވަރަށް ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކޮންމެ ބޭފުޅަކަށްވެސް އަމިއްލަ ފޯނަށް ޑައުންލޯޑު ކޮށްގެންނާއި، ވެބްސައިޓު މެދުވެރިކޮށް ޑިޖިޓަލްކޮށް މި ފޮތް ކިޔައިލެވޭނެ މަގު ފަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިރެއިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ފަރާތަކަށްވެސް މި ފޮތް މުޅިން ހިލޭ ޑައުންލޯޑު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.