ޕާކިން ސިސްޓަމް މަޝްރޫޢުން 59 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ މަންފާއެއް ނުލިބުނު މައްސަލަ ބަލަން އޮޑިޓަރ ޖެނެރަލް ލަފާދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޕާކިން ސިސްޓަމް މަޝްރޫޢުން 59 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ މަންފާއެއް ނުލިބުނު މައްސަލަ ބަލަން އޮޑިޓަރ ޖެނެރަލް ލަފާދީފި

ދޮރުވެރިކަމާ ބެހޭ ވުޒާރާގެ 2018 އިން 2023 އަށް އެކުލަވާލި އޮޑިޓް ރިޕޯޓުން، މާލެ ސަރަޙައްދުގައި ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް ހިންގި ބޮޑު މަޝްރޫޢަކީ އެއްވެސް ރޭވުންތެރިކަމެއް އަދި ފީސިބިލިޓީ ސްޓަޑީއެއް ނެތި ހިންގާފައިވާ، އަދި ދައުލަތުގެ ފައިސާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މަޝްރޫޢެއްކަން ހާމަވެއްޖެއެވެ. މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 59.35 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެން އެއްވެސް މަންފާއެއް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ލިބިފައިނުވާތީ، މިއީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފަށް ހިންގާފައިވާ އިހުމާލެއް ކަމަށް ބަލައި މައްސަލަ ތަޙުޤީޤުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ލަފާދީފައެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާލެއާއި ހުޅުމާލޭގައި 20 ޕާކިން ސިސްޓަމް ހޯދުމަށް 26 ޖޫން 2016 ގައި އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 59.9 މިލިއަން ރުފިޔާއަށެވެ. ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމާ ގުޅިގެން، 26 ޖޫން 2018 ގައި އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރިއެވެ. އަދި ބާކީހުރި 14 ޕާކިން ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކުރީ 14.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢު ހިންގުމުގައި ބޮޑެތި މާލީ އަދި އިދާރީ އިހުމާލުތަކެއް ވެފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިފަދަ ބޮޑު މަޝްރޫޢެއް ފެށުމުގެ ކުރިން ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީއެއް ނުވަތަ އެކަށޭނަ ޕްލޭނެއް ހަދާފައިވާކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވެ، 2022 ވަނަ އަހަރު ޕާކިން ސިސްޓަމްތައް އޮޕަރޭޓްކުރުމަކީ ފީސިބަލް ކަމެއް ނޫން ކަމަށް ނިންމައި މަޝްރޫޢު ހުއްޓާލިއިރު، އެއްވެސް ޕާކިން ސިސްޓަމެއް ނިންމިފައެއް ނުވެއެވެ. ނަމަވެސް، މަސައްކަތް ނުނިމެނީސް ބިލުތަކަށް ޖުމްލަ 13.8 މިލިއަން ރުފިޔާ ދައްކާފައިވާކަން ވެސް އޮޑިޓުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު، ސަބް-ކޮންޓްރެކްޓްގެ މައްސަލަތަކެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެސްޓީއޯއިން ސަބް-ކޮންޓްރެކްޓްކުރި ބޭރުގެ ކުންފުންޏަށް ދިން 2.1 މިލިއަން ރުފިޔާގެ ތެރެއިން 1.4 މިލިއަން ރުފިޔާ އަނބުރާ ލިބިފައިނުވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވަނިކޮށް، އެއްވެސް މަންފާއެއް ނުލިބި މަޝްރޫޢު ނިމިގެންދިއުމަކީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފަށް ހިންގާފައިވާ ޢަމަލެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ޤަވާއިދުގައިވާ އިންތިޒާމުތަކުގެ ތެރެއިން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަމުގައި އިހުމާލުވާ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފައެވެ.

މިއަދު އޮންލައިން