މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ފަންގިފިލާގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫއު ޑިޒައިންކޮށް، އަމިއްލަ ޚަރަދުގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. މި ފުރުސަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 12,000 އަކަފޫޓުގެ ބިމެއްގައެވެ. ޖުމްލަ 25 ފަންގިފިލާއަށް ތަރައްގީކުރާ މި އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައިވަނީ ވިޔަފާރިތަކަށެވެ. އަދި ހައުސިންގ ޔުނިޓުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އިމާރާތުގެ 2 ވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއާ ހަމައަށެވެ.
އެމްޓީސީސީގެ މެނޭޖުމަންޓުން ފާހަގަކުރާގޮތުގައި، މިއީ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ވަރަށް ބޮޑު ލުޔެކެވެ. އަދި ބިން ހަމަޖެހުމާއެކު ވީއެންމެ އަވަހަކަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ކުންފުނީގެ އެންމެ އިސް އަމާޒު ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މީގެކުރިންވެސް މަޝްރޫއެއް ފެށިއެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށްދަނިކޮށް ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، އެ މަސައްކަތް ވަނީ ހުއްޓިފައެވެ.
މިފަހަރު އަލުން މި މަޝްރޫއު ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނުކުރުމާއެކު، ބޯހިޔާވަހިކަމަށް ދިގު އިންތިޒާރެއް ކުރަމުންދިޔަ އެމްޓީސީސީގެ މުވައްޒަފުންނަށް ވަނީ މިކަމުގެ ސަބަބުން އައު އުންމީދުތަކެއް ލިބިގެން ގޮސްފައެވެ.