ރާއްޖޭގެ ފަށާ ތައުލީމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ތައުލީމީ ފެންވަރު މަތިކުރުމަށް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން މިހާރު ހެޔޮ ބަދަލުތަކަކާއި ނަތީޖާ ނެރެވޭ ހިސާބަށް އާދެވިފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ފަށާ ތައުލީމުގައި ހުރި މައްސަލަތައް ވަގުތުން ހައްލުކޮށް، އިމްތިޙާނުތަކުން ފާސްވާ ކުދިންގެ އަދަދު އިތުރުކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ފަށާ ތައުލީމަކީ އޭގެ ފަހުން އަންނަ ހުރިހާ ތައުލީމީ މަރުހަލާތަކެއްގެ މައްޗަށް ބިނާވެގެންދާ އެންމެ މުހިންމު ބިންގާ ކަމަށެވެ. ނަމަވެސް، މާޒީގައި ރާއްޖޭގެ ފަށާ ތައުލީމުގެ ނިޒާމަށް ވަރަށް ބޮޑަށް އިހުމާލުވެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ނަގަމުން އަންނަ ނޭޝަނަލް އެސެސްމަންޓް (ނާލޯ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަށާ ތައުލީމުގެ ކީ ސްޓޭޖް 1 އަދި 2 ގެ ނަތީޖާތައް ހުރީ ވަރަށް ދަށްކޮށެވެ. ޚާއްސަކޮށް މައިގަނޑު ތިން މާއްދާ ކަމަށްވާ ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާއިން ނަތީޖާ ދަށްކަން އެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފަންނީ މާހިރުންގެ ލަފަޔާއެކު ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އެދެވޭ ނަތީޖާ ނެރެވޭ ފެންވަރަކަށް ކަންކަން ވާސިލުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ތައުލީމީ ދާއިރާގައި މީގެ ކުރިން ދަރިވަރުންގެ ފެންވަރު ވަޒަންކުރެވިފައި ނުވާ މަރުހަލާތަކަށްވެސް މިހާރު ވަނީ އަލިއަޅުވާލާފައެވެ.
"މުޅިން އަލަށް ކީ ސްޓޭޖް 3ގެ މަރުހަލާގައިވެސް ނޭޝަނަލް އެސެސްމަންޓް އޮފް އައުޓްކަމްސްތައް މެޝާކޮށް ދަރިވަރުންގެ ނަތީޖާ ދެނެގަނެ، ތަޢުލީމީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް 2 އަހަރުގެ ތެރޭގައިކޮށް 3 ވަނަ އަހަރުގެ ތެރޭގައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފާއިތުވި އަހަރުތަކުގައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މުދައްރިސުން އިތުރަށް ތަމްރީނުކުރުމާއި، މިހާރު ޚިދުމަތުގައި ތިބި މުދައްރިސުންނަށް ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އަދި ހަމައެއާއެކު، ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށާއި ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ސަރުކާރުން އައު މަޝްރޫޢުތަކެއް ފަށައިގެން ކުރިއަށް ގެންދާކަންވެސް ފާހަގަކުރެވެއެވެ.