ރާއްޖޭގެ ފަތުވެރިކަން އިއާދަކުރުމުގެ މަސައްކަތް ކާމިޔާބު: މެދުއިރުމަތީގެ ހަނގުރާމައިގެ ކުރީގެ ހާލަތާ ގާތަށް އާދެވިއްޖެ: އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރާއްޖޭގެ ފަތުވެރިކަން އިއާދަކުރުމުގެ މަސައްކަތް ކާމިޔާބު: މެދުއިރުމަތީގެ ހަނގުރާމައިގެ ކުރީގެ ހާލަތާ ގާތަށް އާދެވިއްޖެ: އަމީން

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި އިންޑަސްޓްރީގެ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅުވެ، ފަތުވެރިން އަންނަ މިންވަރު ހަނގުރާމައިގެ ކުރިން ހުރި މިންވަރާ ގާތަށް އިއާދަކުރެވިފައިވާ ކަމަށް ފަތުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ 'ވޯލްޑް ޓްރެވަލް މާކެޓް' (ޑަބްލިޔުޓީއެމް) ގައި ބައިނަލްއަޤްވާމީ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުވެރިން ގެނައުމަށް އަމާޒުހިފައި، މިދިޔަ އަހަރަށްވުރެ 17 އިންސައްތައިގެ ކުރިއެރުމެއް ހޯދަން ލަފާކުރި ނަމަވެސް، އަހަރުގެ ކުރީކޮޅު މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ޚާއްސަކޮށް މާރިޗު، އެޕްރީލް އަދި މެއި މަހު ރާއްޖެއަށް އައި ފަތުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 24 އާއި 25 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، ފަތުވެރިކަމުގެ ސިނާޢަތުގެ ހުރިހާ ބައިވެރިން ގުޅިގެން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފަތުވެރިން ގެނައުމަށް މަގުފަހިކޮށްދޭނެ އިތުރު ގޮތްތައް ހޯދައި، ސަރުކާރުން ވަނީ ގިނަ ލުއިތަކެއްވެސް ދީފައެވެ.

"ގާތްގަނޑަކަށް ގެއްލުމުގެ ނިސްބަތް 3 އިންސައްތައާ ހަމައަށް އިއާދަކުރެވިއްޖެ. މިދިޔަ އަހަރު ހުރި މިންވަރާ ގާތަށް ފަތުވެރިން އަންނަ ނިސްބަތް ގާތްކުރެވިއްޖެ. މިއީ މުޅި ސިނާޢަތުގެ މަސައްކަތް. ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ކުރި ބުރަ މަސައްކަތް." މި މަސައްކަތްތަކުގެ ނަތީޖާއާ ގުޅޭގޮތުން ވަޒީރު އަމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން