ރިއަށް އޮތް އަހަރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފައިސާ މާރުކުރުމުގެ އިތުރުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ޖަމާކުރުން ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ހިމަނާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު މި މަސައްކަތްތައް އިތުރަށް ހަރުކަށިކޮށް، ގާތުން މޮނިޓަރު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ވަންނަކަން ބެލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވީ، ހިސާބުތަކުން ދައްކާ ގޮތުގައި މިހާރުވެސް ނިޒާމުގެ ތެރެއަށް ވަންނަނީ އެންމެ 65 އިންސައްތަ ކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ނިޒާމުގައި މިހާރު ހުރި ފައިސާ ދައުރު ކުރުމުގެ އިތުރުން އެތެރެވާ ހުރިހާ ފައިސާއެއް ބޭންކިން ނިޒާމަށް ވެއްދުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރިސޯޓުތަކާއި ވިޔަފާރިތަކުން އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ބަހައްޓަން އަންގާފައިވާނެ ކަމަށާއި، އެކަންވެސް ގާތުން ބަލަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށް އަހަރަކު 5.9 ބިލިޔަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިޔަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނަމަ، އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މީރާއިން ޙިއްޞާކޮށްފައިވާ ހިސާބުތަކަށް އަލިއުޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ގަވަރުނަރު ވިދާޅުވީ، "އޭގެ މާނައަކީ ކޮބައިތޯ، އެއް ގޮތަކީ ފައިދާއެއް ނުވުން ނޫނީ ކޮންމެވެސް ކަހަލަ މައްސަލަތަކެއް އެބައުޅޭ ނޫންތޯ،" އެވެ.