އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 56ސ
އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އޮޅުވާލައިގެން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައި، އީ-ސިމް އަށް ބަދަލުކޮށްގެންނާއި ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ފާއިތުވި މަސްދުވަހުގެ ތަހުގީގުތަކުން ދައްކާ ގޮތުގައި، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އެކި އުކުޅުތައް ބޭނުންކޮށްގެން ފޯނު ކޯލްތަކާއި ޓެކްސްޓް މެސެޖުތައް މެދުވެރިކޮށް އޯޓީޕީ އާއި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޝިކާރައަކަށްވާ މީހާއަށް ގުޅައި، އެ މީހާ މިހާރު ގެންގުޅޭ ނަންބަރަކީ މީގެ ކުރިން އޭނާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދުމަށް މަސައްކަތްކުރެއެވެ. އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވަރ ކުރަން ބޭނުންވާ ކަމަށް ބުނެ ވެރިފިކޭޝަން ކޯޑު ހޯދައިގެން ބޭންކިންގ އަދި ޑިޖިޓަލް ވޮލެޓްތަކުގެ އެކްސެސް ހޯދަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުށްކުރާ ފަރާތްތަކަށް މިފަދަ ކޯޑުތަކާއި ލިންކުތައް ލިބުމުން، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު ހުއްދަނެތި އީ-ސިމް މެދުވެރިކޮށް އެ މީހުންގެ އަމިއްލަ ފޯނަށް ބަދަލުކުރެއެވެ. މީގެ ސަބަބުން ފޯނު ލައިން ކުށްކުރާ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް އެ ފަރާތްތަކަށް ލިބެން ފަށައެވެ. މީގެ އިތުރުން، ވަގަށް ނަގާ މައުލޫމާތާއި ކޮމްޕްރޮމައިޒްވެފައިވާ ނަންބަރު ބޭނުންކޮށްގެން ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ބޭންކް އެކައުންޓްތަކުން ފައިސާ ޓްރާންސްފަރކޮށް ބޮޑެތި މާލީ ގެއްލުންތައް ދަނީ ދެމުންނެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، އެއްވެސް ފަރާތަކާ ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ)، ޕިން، ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. ގުޅި ފަރާތަކީ ކުރީގެ ނަންބަރުގެ ވެރިފަރާތް ކަމަށް ބުނި ކަމުގައި ވިޔަސް، ނުވަތަ ބޭންކަކުން ނުވަތަ ޓެލެކޮމް ކުންފުންޏަކުން ގުޅި ކަމަށް ބުނި ކަމުގައި ވިޔަސް މިފަދަ މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން އެދެއެވެ. އަދި އެކައުންޓް އަލުން ހޯދުމުގެ ރަސްމީ އެއްވެސް މަރުހަލާއެއްގައި، ކުރީގެ ނަންބަރެއް މިހާރު ގެންގުޅޭ މީހަކަށް ގުޅަން ނުޖެހޭނެކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެއިތުރުން، އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ފޯނުގެ ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، އެއީ ހުއްދަނެތި އީ-ސިމްއަކަށް ބަދަލުކޮށްފައިވުމުގެ ނިޝާނަކަށް ވެދާނެތީ، ވަގުތުން ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރަށް ގުޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ޝައްކުކުރެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރުމަށާއި، ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކަމާބެހޭ ބޭންކުތަކަށް އެންގުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

އިންޓަރނެޓް މެދުވެރިކޮށް ހިންގާ މިފަދަ މާލީ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު އޮންލައިން