ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޑްރޯން މެދުވެރިކޮށް ބޭސް އުފުލުމުގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، ސްޓޭޓް ފާމާއިން ތައްޔާރުވާން ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ތައާރަފުކުރުމުގެ ކުރިން، ލެބޯޓްރީ ސާމްޕަލްތައް އުފުލުމުގެ ކާމިޔާބު ޓެސްޓްތަކެއް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ. ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ މައި ބޭސްގުދަނުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަޙުމަދު އިމާދު ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރަށު ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޚާއްޞަ ޑޭޓާބޭސްއެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ބޭސް އެއްތަނުން އަނެއް ތަނަށް އުފުލަން ޑްރޯން ބޭނުންކުރަން. ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި މަސައްކަތް ފަށައި، ޓެސްޓު ކުރުމަށްފަހު މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރެވޭނެ،" އިމާދު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރުން ބޭސް އެތެރެކުރުމުގައި ދިމާވާ ރެގިއުލޭޓަރީ އަދި ސަޕްލައި ޗެއިންގެ ގޮންޖެހުންތައް ހައްލުކުރުމަށް ސިއްހަތާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އައު އިންތިޒާމާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ވަގުތުން ދެނެގަނެވި، ޕްރޮކިއުމަންޓް ޓީމުތަކަށް ބޭނުންވާ އަސާސީ ބޭސްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.