ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
މި އެއްބަސްވުންތަކުގެ ދަށުން ރަށްރަށުގެ މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކޮށް ތަރައްގީކުރުމުގެ އިތުރުން މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޏ. ފުވައްމުލަކުގައި ޒަމާނީ އޮފިސް ކޮމްޕްލެކްސްއެއް ތަރައްގީކުރުން ވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.
އަށް ރަށެއްގެ މަގުހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކުރިއިރު، އޭގެ ތެރޭގައި ތާރުއެޅުމާއި ވެލިމަގު ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން ހަވާލުކުރެވުނު މަޝްރޫއުތަކަކީ:
އދ. ހަންޏާމީދޫ: 1.57 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (450 ދުވަސް).
ބ. ކަމަދޫ: 3.79 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (540 ދުވަސް).
ކ. މާފުށި: 2.29 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (780 ދުވަސް).
ނ. މާޅެންދޫ: 2.075 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (630 ދުވަސް).
ރ. އަނގޮޅިތީމު: 3.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (720 ދުވަސް).
ރ. ވާދޫ: 2.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (630 ދުވަސް).
ށ. ކޮމަންޑޫ: 2.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (450 ދުވަސް).
ތ. ވަންދޫ: 2.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (720 ދުވަސް).
ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށާއި ރައްޔިތުން މޫދަށް އެރުމަށް ޚާއްސަ ސަރަހައްދުތައް ތަރައްގީކުރުމަށް ހަ ރަށެއްގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ:
އއ. މާޅޮސް: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ވެލިން ގޮނޑުދޮށް މުއްސަނދިކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިންސް އަދި އިރުމަތީ ފަރާތުގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން (360 ދުވަސް).
ހއ. ތުރާކުނު: ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިން އަދި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން (360 ދުވަސް).
ހދ. ނައިވާދޫ: ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުން އަދި ވެލިން ގޮނޑުދޮށް މުއްސަނދިކުރުން (90 ދުވަސް).
ހއ. ވަށަފަރު: ރިވެޓްމަންޓް، ބޭރުތޮށި އަދި ގްރޮއިން ޖެހުން (360 ދުވަސް).
ނ. މިލަދޫ: ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުން (450 ދުވަސް).
ރ. ފައިނު: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އެޅުމާއި، ވެލި އެޅުމުގެ އިތުރުން ގްރޮއިން ޖެހުން (150 ދުވަސް).
ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަ ރަށެއްގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ:
ކ. ތުލުސްދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (360 ދުވަސް).
ނ. ހޮޅުމީދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (360 ދުވަސް).
ތ. ކަނޑޫދޫ: މިހާރުގެ ބަނދަރާއި ނެރު ފުންކުރުން، އުތުރު ފަރާތުގެ ނެރު ފުންކުރުން އަދި ދެކުނު ފަރާތުގެ ނެރުފައިކަށި ދިގުކުރުން (360 ދުވަސް).
ގއ. ކަނޑުހުޅުދޫ: ބައު ބަނދަރާއި އައު ބަނދަރު އަދި ނެރު ފުންކުރުން، އެއްގަމުތޮށި ލުން، މޫރިންގ ބޯއީ، ބްރިޖް، ޑިންގީ ޖެޓީ، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ނެރުފައިކަށި، ރިވެޓްމަންޓް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (480 ދުވަސް).
ގއ. ނިލަންދޫ: ބައު ބަނދަރާއި ނެރު އަދި އައު ބަނދަރު ފުންކުރުން، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ރިވެޓްމަންޓާއި ގްރޮއިން ޖެހުން، އެއްގަމުތޮށި ލުން، ރޭމްޕާއި ބްރިޖް، ޑިންގީ ޖެޓީ އަދި ބައްތި ހަރުކުރުން (720 ދުވަސް).
ތ. ވިލުފުށި: ބަނދަރާއި ނެރު ފުންކުރުން، ނެގޭ ވެލިން އުތުރު ފަރާތް ބެކްފިލްކުރުން، އެއްގަމުތޮށި ލުން، ބޮޑުހިލައިގެ ބްރޭކްވޯޓާ، ސޭންޑްފިލްޑް ރިވެޓްމަންޓް، މޫރިންގ ބޯއީސް، ރޭމްޕާއި ބްރިޖް، ގްރޮއިންސް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (600 ދުވަސް).
މީގެ އިތުރުން ހދ. ވައިކަރަދޫގައި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަކާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމުގެ މަޝްރޫއު ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އެ ދެ ސަރަހައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، ގޮނޑުދޮށަށް ވެލިއަޅައި މުއްސަނދިކުރުމުގެ އިތުރުން ވެލިގަނޑު ހިފެހެއްޓުމަށް ގްރޮއިން ޖެހުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
އަދި ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ ޒަމާނީ އޮފިސް އިމާރާތެއް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ. 900 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން، އޮފީސް ޖާގަތަކުގެ އިތުރުން ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލެއް ގާއިމުކުރެވިގެންދާނެއެވެ.