އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ދިމާވާ ކަންބޮޑުވުންތަކާއި ނުރައްކާތެރި ހާދިސާތައް ފަސޭހަކަމާއެކު ރިޕޯޓުކުރެވޭނެ ހާއްސަ ޑިޖިޓަލް ނިޒާމެއް އެ ހޮސްޕިޓަލުން ތައާރަފުކޮށްފިއެވެ.
"ސޭފްޓީ އިންސިޑެންޓް ރިޕޯޓިންގ އެންޑް ލާނިންގ ސިސްޓަމް" ގެ ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމަކީ އޭއީއެޗްގެ އައިސީޓީ ޑިޕާޓްމަންޓުން އަމިއްލައަށް ފަރުމާކޮށް ތަރައްގީކޮށްފައިވާ ނިޒާމެކެވެ. މި ސިސްޓަމް މެދުވެރިކޮށް، ސަލާމަތީ ގޮތުން ދިމާވާ އެކި ހާދިސާތަކާއި، ނުރައްކަލަކަށް ހުށަހެޅިދާނެ ފަދަ ކަންކަން އެ ވަގުތުން ވަގުތަށް ރިޕޯޓުކުރުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.
މި ނިޒާމުގެ އެންމެ ހާއްސަ އެއް ބަޔަކީ، ރިޕޯޓުކުރާ ފަރާތްތަކަށް އެއްވެސް ބިރުވެރިކަމެއް ނެތި، އަދި ކުށްވެރިކުރުމުގެ ބިރަކާ ނުލައި މިނިވަންކަމާއެކު ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، ރިޕޯޓުކުރާ މީހާ ކާކުކަން ސިއްރުކޮށް (އެނޮނިމަސްކޮށް) މައްސަލަތައް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވުމެވެ.
އޭއީއެޗުން ހާމަކުރި ގޮތުގައި، މިއީ ހަމައެކަނި ހާދިސާތައް ރިޕޯޓުކޮށްލަން ހަދާފައިވާ ޕްލެޓްފޯމެއް ނޫނެވެ. މީގެ މައިގަނޑު ބޭނުމަކީ ހިނގާފައިވާ ކަންކަން ފުންކޮށް ދިރާސާކޮށް މުރާޖައާކުރުމާއި، އެފަދަ ކަންކަމަށް އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅޭ މިންވަރު ކަށަވަރުކުރުމެވެ. އަދި ތަކުރާރުވަމުންދާ ނުރައްކާތައް ދެނެގަނެ، ހޮސްޕިޓަލުގެ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް މި ނިޒާމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.