ނޯތު ހާބަރުގެ ތޮއްޖެހުމަށް ލުޔެއް ލިބޭނީ ތިލަފުށީ ޕޯޓުގެ މަސައްކަތް ނިމުމުން: އެމްޕީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނޯތު ހާބަރުގެ ތޮއްޖެހުމަށް ލުޔެއް ލިބޭނީ ތިލަފުށީ ޕޯޓުގެ މަސައްކަތް ނިމުމުން: އެމްޕީއެލް

މާލޭގެ ނޯތު ހާބަރުގައި މުދާ އުފުލާ ބޯޓުފަހަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުށީ ޕޯޓުގެ މަސައްކަތް މުޅިން ނިމިގެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގު ވިދާޅުވީ، ނޯތު ހާބަރުގައި މިހާރު އޮތް ޖާގައަކީ މިހާރުގެ ބޭނުންތަކަށް ފެތޭވަރުގެ އެކަށީގެންވާ ޖާގައެއް ނޫން ކަމަށެވެ. އަދި ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުވުމާއެކު 2.3 ކިލޯމީޓަރުގެ ކީވޯލްއެއް ލިބި، މުދާ އުފުލުމުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު މުދާ ބޭލުމާއި ބަރުކުރުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ތަފުސީލު ހިއްސާކުރައްވަމުން ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ، ނޯތު ހާބަރުގެ ޚިދުމަތް ފެށީ 80 ބޯޓުގެ ޖާގައަކާއެކު ކަމުގައި ވިޔަސް، މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ މިއަދު އަލަށް ދިމާވި މައްސަލައެއް ނޫން ކަމަށާއި، 80 ބޯޓަކީވެސް އެ ތަނުގެ ޖާގައާ އަޅާބަލާއިރު ގިނަ އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޮންމެ އަހަރަކުވެސް 25 އާއި 34 އާ ދެމެދުގެ އަދަދަކަށް ބޯޓުފަހަރު އިތުރުވަމުންދާއިރު، ބަނދަރުގެ ފަޅު ބޮޑުވެފައި ނުވާތީ ޚިދުމަތް ދިނުމުގައި ދަތިތަކާއި ލަސްތައް ކުރިމަތިވާ ކަމަށް އަޒަރު ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނިގޮތުގައި ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މިހާރު ވަނީ ގަވާއިދުތަކަށް ބަދަލު ގެނެސްފައެވެ. އަދި މިވަގުތަށް ދިމާވެފައިވާ ދަތިތަކަށް ވަގުތީ ލުއިތަކެއް ހޯދައިދެމުން ދިޔަ ނަމަވެސް، މި މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ތިލަފުށީ ޕޯޓު މަޝްރޫއު ނިންމުން ކަމަށް އެ ކުންފުނިން ދެކެއެވެ.

މިއަދު އޮންލައިން