މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރު އާމްދަނީގެ ގޮތުގައި 1.2 ބިލިޔަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.1 ބިލިޔަން ޑޮލަރާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ފޯރުކޮށްދީފައިވަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ޓެކުހުގެ ގޮތުގައި 923 މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު 853 މިލިޔަން ޑޮލަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ އިތުރުވުމެކެވެ.
ޑޮލަރުން ލިބުނު ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓީޖީއެސްޓީ (TGST) އެވެ. ޓީޖީއެސްޓީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަ މަހު 571 މިލިޔަން ޑޮލަރު ލިބިފައިވާއިރު، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 138 މިލިޔަން ޑޮލަރެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 114 މިލިޔަން ޑޮލަރު ވަނީ ބަލައިގެންފައެވެ.
ޑޮލަރު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހި ރުފިޔާއިން ލިބުނު ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަކޮށް ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 277 މިލިޔަން ރުފިޔާއެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި 284 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.