ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާ ކަމަށާއި، ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް އެފަދަ 17 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި މިދިޔަ ހަފުތާގައި ޖުމްލަ 32 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ޖުމްލަ 737,695.26 ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ. ނަމަވެސް ފުލުހުންގެ އިދާރާއިން ކުރި އަވަސް މަސައްކަތުން، އޭގެ ތެރެއިން 144,558.26 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މިފަދަ ސްކޭމްތައް ހިންގުމަށް ކުށްވެރިން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކާއި، އައިބޭ، ފޯނު ކޯލް، ފޭސްބުކް މާކެޓްޕްލޭސް އަދި މަކަރާއި ހީލަތުން މައުލޫމާތު ހޯދުމަށް ފޮނުވާ ފިޝިން ލިންކުތަކެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ފައިސާ މާރުކުރާއިރު، ބާޒާރުގެ އާންމު ރޭޓަށްވުރެ އާދަޔާޚިލާފަށް ރަނގަޅު ރޭޓެއް ހުށަހަޅާނަމަ އެއީ ސްކޭމަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާ މާރުކުރާއިރު، އަނެއް ފަރާތުން ފޮނުވާ ފައިސާ އެކައުންޓަށް ޖަމާވިކަން ޔަގީންކުރުމުގެ ކުރިން ފައިސާ ނުފޮނުވުމަށާއި، މުއާމަލާތުކުރާ މީހަކީ ކާކުކަން ކަށަވަރުނުވަނީސް އެއްވެސް މާލީ މުއާމަލާތެއް ނުހިންގުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން، ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، ބޭންކިންގ އޯޓީޕީ (OTP) ފަދަ ސިއްރު މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށްވެސް ފުލުހުން ހަނދާންކޮށްދެއްވައެވެ. އަދި އެއްވެސް މީހަކު މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ އެންޓި-ސްކޭމް ހޮޓްލައިން ނަންބަރު 125 އަށް ގުޅައި ވީހާވެސް އަވަހަކަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.