ދިވެހިންގެ މިނިވަންކަން އަމިއްލައަށް ދިފާޢުކުރުމަކީ ރައީސްގެ ދިފާޢީ ސިޔާސަތު: ދިފާޢީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދިވެހިންގެ މިނިވަންކަން އަމިއްލައަށް ދިފާޢުކުރުމަކީ ރައީސްގެ ދިފާޢީ ސިޔާސަތު: ދިފާޢީ ވަޒީރު

ބޭރުގެ އެއްވެސް ފަރާތަކަށް ބަރޯސާނުވެ، ދިވެހިންގެ އަމިއްލަ ބާރުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ޚާއްޞަ ދިފާޢީ ސިޔާސަތު ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ބަދަލުވަމުންދާ ދުނިޔޭގެ ސަލާމަތީ މަސްރަޙުގައި ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކާއި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިން އަބަދުވެސް ޤަބޫލުކުރަންޖެހޭ ފަޚުރުވެރި ހަޤީގަތަކީ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައި އޮތް އެންމެ ޒަމަންވީ މިނިވަން ދަޢުލަތް ކަމެވެ. އަދި މި މިނިވަންކަން މިއަދާ ހަމައަށް ދެމިގެން އައީ، ދިވެހި ރައްޔިތުން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އެއް ޢަޒުމެއްގައި ތަބާވެ ތިބުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޛު ކުރުމަށްޓަކައި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އަސްކަރިއްޔާގެ އެއްގަމާއި، ވައިގެ އަދި ކަނޑުގެ އޮޕަރޭޝަންތައް ހިންގާނެ ޤާބިލު ސިފައިން ބިނާކުރުމަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، މި ޖަލްސާގައި ވަޒީރު ވަނީ 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ދެކޮޅަށް ޖާނުން ފިދާވެގެންދިޔަ އަބްޠާލުންގެ ހަނދާންތައް އާކުރައްވައި، ޤައުމީ ޚިދުމަތުގައި ސިފައިން ދެއްކި ނަމޫނާއިން މިއަދުގެ ޒުވާނުން އިބްރަތް ޙާޞިލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"ޝަހީދުވެގެންދިޔަ ސިފައިން ފުރާނައިން ޤުރުބާންވެވަޑައިގެންނެވީ ދީނާއި ޤައުމަށްޓަކައި، އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި،" ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން