ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކޮމަންވެލްތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ލިބޭނެ ފަދަ މާލީ ނިޒާމުތައް ފުޅާކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އެންޓީގާ އެންޑް ބާބޫޑާގެ ސެއިންޓް ޖޯންސްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮމަންވެލްތުގެ ޤައުމުތަކުން ކުރާ މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެންމެ އެކަށޭނެ ގޮތެއްގައި ހާސިލްކުރުމަށްޓަކައި، މިއަދުގެ ބޭނުންތަކާ އެއްވަރަށް ކޮމަންވެލްތު ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ޖަމުޢިއްޔާއަކަށް ހަދަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮމަންވެލްތުން މިހާރަށްވުރެ ފުޅާ ދައުރެއް އަދާކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ބަވަނަވެފައިވާ ދުނިޔޭގައި ދިމާވާ މާލީ ދަތިތަކަށް ހައްލު ހޯދައިދެވޭނެ ގޮތަށް، ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މާލީ އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނަންވާނެ ކަމަށް އެކަމަނާ ހުށަހެޅުއްވިއެވެ.
މީގެ އިތުރުން، ކޮމަންވެލްތުގެ މުހިންމު ނިންމުންތައް ނިންމުމުގައާއި އިސް ދައުރެއް އަދާކުރުމުގައި ހުރިހާ މެންބަރު ޤައުމުތަކަށް ހަމަހަމަ ފުރުޞަތު އޮންނަންޖެހޭނެ ކަމަށް ވިދާޅުވެ، ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.
ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ އިސްވެރިންގެ ސަމިޓުގެ ކުރިން، މެންބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތަކަށް މަޝްވަރާކޮށް ހައްލު ހޯދުމަށާއި، ޖަމުޢިއްޔާގެ ލަނޑުދަނޑިތައް ކަނޑައަޅައި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.