ރާއްޖޭގެ ދިފާއީ ބާރު ހަރުދަނާކުރުމަށް ފާއިތުވި 3 އަހަރު ތެރޭގައި ތަފާތު ބޮޑު ކުރިއެރުންތަކެއް ހޯދައިދީފި: ޗީފް އޮފް ޑިފެންސް ފޯސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ރާއްޖޭގެ ދިފާއީ ބާރު ހަރުދަނާކުރުމަށް ފާއިތުވި 3 އަހަރު ތެރޭގައި ތަފާތު ބޮޑު ކުރިއެރުންތަކެއް ހޯދައިދީފި: ޗީފް އޮފް ޑިފެންސް ފޯސް

ދިވެހި އަސްކަރިއްޔާއަށް މިހާތަނަށް އެންމެ ބޮޑު ތަރައްގީއާއި ކުރިއެރުމެއް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދިޔަ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ޤައުމުގެ ދިފާއީ ބާރު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ޔޫއޭވީ (ޑްރޯން) ހޯދައި އެއަރކޯ އުފައްދާފައިވާއިރު، އައްޑޫ ގަމުގައި އެމްއެންޑީއެފްގެ އެއަރ ސްޓޭޝަނެއް ޤާއިމުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ށ. ފޮނަދޫގައިވެސް އެއަރ ސްޓޭޝަނެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ކޯސްޓްގާޑުގެ ފްލީޓް ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ތުރުކީވިލާތުގެ ނޭވީ މަނަވަރަކާއި އޮސްޓްރޭލިއާގެ މަނަވަރެއް ވަނީ ހޯދާފައެވެ. އަދި ސަރުކާރުން ހޯދައިދިނުމަށް ނިންމާފައިވާ 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން 5 ބޯޓު މިހާރު ވަނީ ޚިދުމަތަށް ގެނެސްފައެވެ.

ކަނޑުމަތީގައި ހާލުގައިޖެހޭ އުޅަނދުފަހަރާއި މީހުން ސަލާމަތްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ވިލިމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރެއް ޤާއިމުކޮށްފައިވާއިރު، ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ޤާއިމުކޮށް، ކ. މާފުށީގައިވެސް އެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ "މިއީ ސިފައިން ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު" ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދިފާއީ ސިޔާސަތު ބިނާވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް، ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ޤާބިލުކަން އެންމެ މަތީ ފެންވަރަށް ގެންދިއުމަށް ކަމަށްވާތީ، ސިފައިންގެ ހުރިހާ ސަފުތަކެއްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން