އަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިކަން ހާމަކުރައްވައި، އެކި ސަރަހައްދުތަކުގައި ޚިދުމަތް ދޭނެ ގަޑިތައް މިހާރު ވަނީ އާންމުކޮށްފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މާލެ އަދި އައްޑޫ ސިޓީގެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރަމުންދާނީ ހެނދުނު 8:30 އިން ހަވީރު 17:30 އާ ދެމެދުގައެވެ.
ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.
ޕާސްޕޯޓު ހަދަން އެދި ހުށަހެޅުމުގެ ޚިދުމަތް އޮންލައިންކޮށް 'އިމުގާ' (Imuga) ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން، ބޭސްފަރުވާގެ ކަންކަމުގައި ފުރަންޖެހުން ފަދަ ކުއްލި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް 9555333 ނަންބަރު ފޯނާ ގުޅުއްވައިގެން ޚިދުމަތް ހޯދުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.