ބީއެމްއެލްއިން 25,000 ރުފިޔާގެ އިނާމަކާއެކު "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބީއެމްއެލްއިން 25,000 ރުފިޔާގެ އިނާމަކާއެކު "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން އަގުހުރި ފައިސާގެ އިނާމުތަކާއެކު "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކައިގެން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް އެއްފަހަރާ މަދުވެގެން 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުޢާމަލާތެއް ހިންގާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފުތާއަކު ވެސް ޚާއްޞަ ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި، ޕްރޮމޯޝަން ނިމުމުން ހޮވޭ މައިގަނޑު ނަސީބުވެރިޔާއަށް 25,000 ރުފިޔާ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު 5 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، އެއިން ކޮންމެ ފަރާތަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ޖުމްލަ 4 ހަފުތާގެ މައްޗަށް ބަހާލައިގެން ނެގޭ މި ގުރުއަތުލުންތަކުގައި 20 ފަރާތަކަށް ހަފުތާގެ އިނާމު ލިބިގެންދާނެއެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ހަފުތާގެ ގުރުއަތުން އިނާމު ލިބޭ ފަރާތްތަކަށް ވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުންތަކުގައާއި، 25,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ހޮވުމަށް ބާއްވާ ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މަޢުލޫމާތާއި، ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓުންގެ ފުރިހަމަ ލިސްޓު ބޭންކުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.

މިއަދު އޮންލައިން