ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ޕޯސްޓަލް ނެޓްވޯކް މެދުވެރިކޮށް ރާއްޖެއާއި ބައިނަލްއަގުވާމީ ބާޒާރުތަކުން ފުރުސަތު ހޯދައިދިނުމަށާއި، ޑިޖިޓަލް އަދި އިސްލާމިކް ފައިނޭންސިންގ ފަހިކޮށްދިނުމަށް ޚާއްސަ ދިރާސީ މަސައްކަތްތަކެއް ފަށައިފިއެވެ.
މި މަސައްކަތަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ދުނިޔޭގެ ޕޯސްޓުގެ މައި އިދާރާ ކަމަށްވާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ފެށުމުގެ ގޮތުން ޕޯސްޓް ބިލްޑިންގުގައި ބޭއްވި އިފްތިތާހީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ނަޒީރެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒީރު ވިދާޅުވީ، ރަށްރަށުގައި ތިބެގެން ވިޔަފާރިކުރާ ފަރާތްތަކަށް ކަސްޓަމަރުންނާ ހަމައަށް ވާސިލުވެވެނީ ހަމައެކަނި އޮންލައިން ފިހާރައެއް ހުޅުވައިގެން ނޫން ކަމަށެވެ. އެގޮތުން އިތުބާރު ހުރި ޑެލިވަރީގެ ޚިދުމަތާއި، ފައިސާ ލިބޭނެ ފަސޭހަ ނިޒާމުތަކުގެ އިތުރުން ކަސްޓަމްސް ކަންކަން ހަމަޖެހިފައި ހުރުމަކީ ކޮންމެހެން ބޭނުންވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" އަދި "ޑިޖިޓަލް-ފަސްޓް ނޭޝަން" ސިޔާސަތާ އެއްގޮތަށް ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރައްވަމުން، ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންނާއި ޒުވާނުން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި ތާއީދު އެ މިނިސްޓްރީގެ ފަރާތުން ލިބޭނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
މޯލްޑިވްސް ޕޯސްޓުން ހާމަކުރި ގޮތުގައި، ޔޫޕީޔޫގެ ޚާއްސަ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ. މި ޓީމުން މި މަހުގެ 1 އިން ފެށިގެން 5 ދުވަހުގެ މުއްދަތަކަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ:
- އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ޕޯސްޓަލް ނެޓްވޯކްގެ ތެރެއިން ހުރި ފުރުސަތުތައް ދެނެގަތުން.
- އެސްއެމްއީ ދާއިރާއަށް އީ-ކޮމާސްގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ޕޯސްޓަލް ދާއިރާއިން އަދާކުރެވޭނެ ދައުރު ދެނެގަތުން.
- މިކަމާ ގުޅޭ ޢަމަލީ ފިޔަވަޅުތައް އެޅުމާއި، އެމްއެސްއެމްއީ ސެކްޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަން (ޓެކްނިކަލް އެސިސްޓަންސް) ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް އެކުލަވާލުން.
މި ބައްދަލުވުމުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤު ވިދާޅުވީ، ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު، އެ ކުންފުނިން ތައާރަފުކޮށްފައިވާ "އީޓުކުރި" އަދި "ކޮމިއުނިޓީ އޮންލައިން ޝޮޕް" ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންގެ މުދާ ދުނިޔޭގެ ބާޒާރަށް ނެރެދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރުން ފަސޭހަކޮށްދިނުމަށް ޕޯސްޓުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމަކީ މައިގަނޑު ލަނޑުދަނޑި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ޔޫޕީޔޫގެ މަންދޫބުންގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.