މަކަރާއި ހީލަތުން އޯޓީޕީ (އޯ.ޓީ.ޕީ) ހޯދައިގެން މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައިގެން އޯޓީޕީ ހޯދައި، އެ ކޯޑު ބޭނުންކޮށްގެން ބޭންކު އެކްސެސް ހޯދާފައިވާ ކަމަށެވެ. އަދި އެ މީހާގެ އެކައުންޓުން 63,000 ދިވެހި ރުފިޔާއާއި 21,000 އެމެރިކާ ޑޮލަރު މަކަރާއި ހީލަތުން ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިބްރާހީމް ޝާރިފް (34އ)، ގޯލްޑަންގޭޓް / ޏ. ފުވައްމުލައް (ދޫޑިގަން)، ޖިނާޙު އަޙްމަދު (29އ)، މަތަރެސްމާގެ / ފ. ފީއަލި، އިބްރާހީމް މުޢާޒު (38އ)، ނަޒުމު / ފ. ނިލަންދޫ، ޢަލީ ދާއިން (21އ)، ލިލީނައިޓް / ލ. ގަން (މަތިމަރަދޫ) އެވެ.
މި މީހުންގެ ތެރެއިން ތިން މީހަކު އޮކްޓޫބަރު 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖިނާޙު އަޙްމަދުގެ ބަންދަށް 10 ދުވަސް އަދި ދެން ތިބި ތިން މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.