ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚާއްޞަކޮށްގެން، ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި ޚިދުމަތާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ވަނީ ފަހިވެފައެވެ.

މި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ލިބޭ ޑޮލަރު ޖަމާކުރާ އެކައުންޓަށް ޚާއްޞަ ޔޫއެސްޑީ ޑެބިޓް ކާޑެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިތަކަށް ބޭނުންވާ އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި، ބައިނަލްއަޤުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މި ޚިދުމަތަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ޕޯޓަލް މެދުވެރިކޮށެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމާއެކު، ބޭންކުން އެ ވިޔަފާރިއަކާ ގުޅައި ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މި މަސައްކަތްތައް ނިމުމުން، ވިޔަފާރީގެ އެކައުންޓާއި ޕޭމަންޓް ގޭޓްވޭ ގުޅުވައިދެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ. މި އައު ފުރުސަތުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބައިނަލްއަޤުވާމީ މާކެޓަށް ފުޅާކުރުމަށާއި، މާލީ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން