މަސްވެރިންނަށް އުފާވެރި ޚަބަރެއް؛ މިފްކޯގެ އަހަރީ ދުވަހާ ގުޅިގެން މަސް ކިލޯއެއް 23 ރުފިޔާއަށް ބޮޑުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މަސްވެރިންނަށް އުފާވެރި ޚަބަރެއް؛ މިފްކޯގެ އަހަރީ ދުވަހާ ގުޅިގެން މަސް ކިލޯއެއް 23 ރުފިޔާއަށް ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އަހަރީ ދުވަހާ ގުޅުވައިގެން، މިއަދު ކަޅުބިލަމަސް ކިލޯއެއް 23 ރުފިޔާއަށް ގަންނަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ނޮވެމްބަރު 1 ވަނަ ދުވަހަކީ މިފްކޯގެ އަހަރީ ދުވަސް ކަމަށްވާއިރު، މި ޚާއްޞަ މުނާސަބަތާ ދިމާކޮށް މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މަސް ގަންނަ އަގުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކަޅުބިލަމަހުގެ އިތުރުން ބޮޑުކަންނެލީގެ އެކި ސައިޒުތަކަށްވެސް ޚާއްޞަ ރަނގަޅު އަގުތަކެއް ވަނީ ކަނޑައަޅާފައެވެ.

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއަށްވުރެ ބޮޑެތި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާގެ ރޭޓުންނެވެ.

މި ޚާއްޞަ އަގުތަކުގައި މަސް ގަތުމުގެ އިންތިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފްކޯއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަދު މަސް ކިރަމުންދާ މަރުކަޒުތަކާއި ބަނދަރުތަކަކީ:

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ގދ. ތިނަދޫ ބަނދަރު

މ. މުލަކު ބަނދަރު

ހއ. އިހަވަންދޫ ބަނދަރު

މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދީ، ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މަސްވެރިންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ގެންނަންޖެހޭ ހެޔޮ ބަދަލުތައް މެދުކެނޑުމެއްނެތި ގެންނާނެ ކަމުގެ ޔަޤީންކަންވެސް މިފްކޯއިން ވަނީ ދީފައެވެ.

މިއަދު އޮންލައިން