މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އުއްމީދީ ކުރިއެރުމެއް ލިބިއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194,039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި 192,398 ފަތުރުވެރިންނާ އަޅާބަލާއިރު %0.9 ގެ ކުރިއެރުމެކެވެ.
މިއަހަރުގެ ކުރީކޮޅު، ޚާއްޞަކޮށް މާރިޗު މަހުގެ ތެރޭގައި މެދުއިރުމަތީގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރުތަކެއް ކުރިއެވެ. ނަމަވެސް އެ ހީނަރުކަމުން އަރައިގަނެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އަލުން މައްޗަށް ދާން ފަށާފައިވާކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.
މި ކުރިއެރުމާއެކު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1,797,060 އަށް އަރާފައެވެ. އަދި މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,000 އެއްހައި ފަތުރުވެރިން ރާއްޖެއަށް އަންނަމުންދާކަން ފާހަގަކުރެވެއެވެ.