އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ނިންމާލައިފައިވަނީ އިޖުތިމާޢީ ރައްކާތެރިކަން ވަރުގަދަކުރުމަށާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށާއި، އަދި ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށް ހުށަހެޅުނު މުހިންމު ހަ ކަމަކާ އެކުގައެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މި ހުށަހެޅުންތައް ހުށަހަޅުއްވައިދެއްވަމުން، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ، ކޮންފަރެންސްގައި ހިއްސާކުރެވުނު މަޢުލޫމާތުތަކާއި ޚިޔާލުތަކަކީ ދިގު މުއްދަތުގެ މާލީ ހަމަޖެހުމާއި އިޤްތިޞާދީ ބާރުވެރިކަމަށް މަގުފަހިކޮށްދޭ، ވިލަރެސްކުރެވިފައިވާ ސިޔާސަތުތަކަކަށާއި ޢަމަލީ އިސްނެގުންތަކަކަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ހުށަހެޅުންތަކަކީ މި ޒަމާނުގައި ދިމާވާ ނާޒުކު ޙާލަތްތަކާއި، މުއައްސަސާތަކުގެ އެއްބާރުލުމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތް ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކީނޯޓް ސްޕީކަރުންނާއި ޕެނަލިސްޓުން ކުރެއްވި މަޝްވަރާތަކުގެ އަލީގައި އެކުލަވައިލެވުނު ހުށަހެޅުންތަކެކެވެ.
ފުރަތަމަ ހުށަހެޅުމުގައި ވަނީ، ނާޒުކު ޙާލަތްތަކުގައިވާ ގޭބިސީތައް ކުރީބައިގައި ދެނެގަނެ، އެ ފަރާތްތަކުގެ ބޭނުންތަކާއި ޤާބިލުކަން ފުރިހަމައަށް ވަޒަންކޮށް، އެހީތެރިކަމާއި ރައްކާތެރިކަމާއި ބާރުވެރިކުރުން ހިމެނޭހެން އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން، ކުރިއާލާ ދެވޭ އިޖުތިމާޢީ ރައްކާތެރިކަމާއި ގޭބިސީތަކުގެ ވިލުންވެރިކަން ވަރުގަދަކުރުމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އަލިއަޅުވާލާފައިވަނީ މުއައްސަސާތަކުގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި، ސާފުކޮށް ކަނޑައެޅިފައިވާ ޒިންމާތަކާއި، ލޯކަލް ޖަމްޢިއްޔާތަކާއި ދީނީ ޢިލްމުވެރިން ބައިވެރިވާ މުޖުތަމަޢާ ގުޅިފައިވާ ޙަރަކާތްތަކާއި، ވިލަރެސްކުރެވިފައިވާ ކާރިސާތަކަށް އިޖާބަދޭ ނިޒާމުތައް މެދުވެރިކޮށް، ޤައުމީ ފެންވަރުގައި ލާމެހިފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ އޮނިގަނޑެއް ޤާއިމުކުރުމަށެވެ.
މީގެއިތުރުން، އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތަކުގެ ފައިދާ އިތުރުކުރުމަށް ޓަކައި، މުއައްސަސާތަކުގެ މެދުގައި ރައްކާތެރިކަމާއެކު މަޢުލޫމާތު ބަދަލުކުރުމާއި، އެހީ ލިބޭ ފަރާތްތަކުގެ އެއް ނިޒާމެއް ޤާއިމުކުރުމާއި، ދިރާސާކުރުމުގައި އެއްބާރުލުން ދިނުމާއި، އަދި ވަޒަންކުރެވޭނެ ފަދަ ނަތީޖާތަކެއް ނެރެދޭ ޕްރޮގްރާމްތައް ހިންގުމަށް ހުށަހަޅައި، ޑޭޓާ އެއްކުރުމާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ކޮންފަރެންސުގައި ބާރުއަޅާފައިވެއެވެ.
އަނެއް މުހިންމު ހުށަހެޅުމަކީ، އަސާސީ އެހީތެރިކަމާއެކު އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތަކާއި، އަމިއްލަ ދިރިއުޅުން ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، އެންމެން ޝާމިލުވާ ތަޢުލީމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، އަދި ދެމެހެއްޓެނިވި ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދީގެން، ދެމެހެއްޓެނިވި ދިރިއުޅުމަކާއި އިޤްތިޞާދީ ބާރުވެރިކަން ކުރިއެރުވުމެވެ.
ފަސްވަނަ ހުށަހެޅުމުގައި ގޮވާލާފައިވަނީ ފަސޭހައިން ލިބިގަނެވޭ މާލީ ޚިދުމަތްތަކާއި، ވިޔަފާރީގެ ތަމްރީނާއި މާލީ ހޭލުންތެރިކަމުގެ އެހީތެރިކަމާއެކު ދެވޭ ޒިންމާދާރު ފައިނޭންސިންގއާއި، ޝަރީޢާ ހުއްދަކުރާ މާލީ ވަސީލަތްތައް އިތުރަށް ބޭނުންކޮށްގެން، މާލީ ދާއިރާގައި އެންމެން ބައިވެރިކުރުމާއި އިސްލާމިކް ސޯޝަލް ފައިނޭންސް ފުޅާކުރުމަށެވެ.
ފަހު ހުށަހެޅުމުގައި އަލިއަޅުވާލާފައިވަނީ ޒަކާތް ބަލައިގަތުމާއި ވަސީލަތްތައް ހޯދުން ހަރުދަނާކުރުމާއި، ޙާލަތަށް ރިޢާޔަތްކޮށް ޝަރީޢާގެ ހަމަތަކާ އެއްގޮތަށް ޙައްޤުވެރިން ކަނޑައެޅުމާއި، މުއައްސަސާގެ ޒިންމާދާރުކަމާއި، ދެފުށް ފެންނަ ގޮތެއްގައި ނަތީޖާތައް ހާމަކުރުމާއި، އެހީ ލިބުނު ފަރާތްތަކުގެ ކާމިޔާބީގެ ވާހަކަތައް ލިޔެކިޔުމުން ފެންނަން ހުރުން ފަދަ ކަންކަމުގެ ތެރެއިން ޒަކާތުގެ ހިންގުމާއި، މުއައްސަސާގެ ހިންގުންތެރިކަމާއި، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޝެއިޚް އިމްތިޠާއުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނާޒުކު ޙާލަތްތަކަށް ޙައްލު ހޯދުމަކީ ހަމައެކަނި އެވަގުތަކު ދިމާވާ ކުއްލި ބޭނުންތަކަށް އިޖާބަދިނުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ކުރަންޖެހޭ ކަމެކެވެ. ފަރުދުންނާއި އާއިލާތަކަށް ދެމެހެއްޓެނިވި މާލީ ރައްކާތެރިކަން ހޯދައިދިނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ހަރުދަނާ މުއައްސަސާތަކާއި، މާނަވީ ބައިވެރިވުންތަކާއި، އަދި މެދުކެނޑުމެއްނެތް މަސައްކަތްތަކަކީ ކޮންމެހެން ބޭނުންތެރި ކަންތައްތައްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، އިސްލާމީ އިޖުތިމާއީ ފައިނޭންސްގެ ނަފާ އިތުރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ޓަކައި އިލްމުވެރިންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، މި ދާއިރާގެ ތަޖުރިބާކާރުން އެއްތަންކޮށް، "އިންޒެކް 2026″ މިއަދު ވަނީ މާލޭގެ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައެވެ.
މި ކޮންފަރެންސުން ނުކުންނަ ހުށަހެޅުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ސިޔާސަތުތައް ކަނޑައެޅުމުގެ މަޝްވަރާތަކަށް އެހީތެރިވެދީ، މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެ، އިޖުތިމާއީ ރައްކާތެރިކަމާއި، އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމާއި އަދި ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމަށް މަގުފަހިކޮށްދޭ އަމަލީ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އުންމީދުކުރެއެވެ.
ހަބަރު: ޒަކާތު ހައުސް