ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބެއިޖިންގުގައި ރޯޑްޝޯއެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބެއިޖިންގުގައި ރޯޑްޝޯއެއް ބާއްވައިފި

ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤްޞަދުގައި ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ޚާއްޞަ ރޯޑްޝޯއެއް ބާއްވައިފިއެވެ.

މި ރޯޑްޝޯއަކީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ބެއިޖިންގްގައި ހުޅުވުމާ ގުޅުވައިގެން، ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ޗައިނާގެ 100 އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ.

މި ރޯޑްޝޯ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަންގެ ޗައިނާގެ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކަމަށްވާ މެގަކެޕް އާ ގުޅިގެންނެވެ. މި ބައްދަލުވުމުގެ ތެރެއިން ފަތުރުވެރިކަމާއި، ޓްރެވަލް ޓްރޭޑް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާ ގުޅޭގޮތުން މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މި ރޯޑްޝޯގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ އިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ޕާޓްނާޝިޕްތައް ބަދަހިވެގެންދާނެއެވެ. އަދި ފަސިންޖަރުންގެ ޚިދުމަތްތައް ފުޅާކުރުމަށް އައު ފުރުޞަތުތައް ހޯދައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވައިގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ އެއާލައިނުން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން