މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާރޓްނަރަކަށް ޔޫއެންޑީޕީ މޯލްޑިވްސް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 12ސ
މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާރޓްނަރަކަށް ޔޫއެންޑީޕީ މޯލްޑިވްސް ހަމަޖައްސައިފި

ޕެންޝަން އޮފީހުން އިސްނަގައިގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާރޓަނަރެއްގެ ގޮތުގައި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

"ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމްގައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކޮށް، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައި މަޝްވަރާކުރާނެއެވެ.

ޕެންޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރާ މި މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ގްރީން ފައިނޭންސް މާކެޓް ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ހޯދުމާއި، ޤައުމުގެ ދިގު މުއްދަތުގެ އިޤްތިޞާދީ އަދި މާލީ ރައްކާތެިރކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެވޭނެއެވެ.

މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް ދިގު މުއްދަތަށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ހަރުދަނާ އަދި ވިލުންވެރި އިޤްތިޞާދަކާއި، ފުޅާ އިންވެސްޓްމަންޓް މާކެޓެއް ތަރައްޤީކުރުން ވަނީ ޕެންޝަން އޮފީހުގެ މަސައްކަތްތަކާއި ގުޅި ލާމެހިފައެވެ. މިއަހަރުގެ ފޯރަމްއިން ގްރީން ފައިނޭންސްގެ ތެރެއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފުޅާކޮށް، ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްޤީކުރުމަށް އެހީތެރިވެދޭނެއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަކީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، މި އަހަރުގެ ފައިނޭންސް ފޯރަމް ވެގެންދަނީ ޔޫއެންޑީޕީ މޯލްޑިވްސްގެ ލަނޑުދަނޑިތަކާ ގުޅިފައިވާ ހަރަކާތަކަށެވެ. ގްރީން ފައިނޭންސްގެ ފުރުޞަތުތައް ފަހިވެގެންދިއުމަކީ، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހޯދުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއަރައި ދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

މާލީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގެ މާހިރުން އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފަހިކުރުމަށާއި، ވިލުންވެރި ރައްކާތެރި އިޤްތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. އަދި މިކަމުގައި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް، ހޯދުންތަކާއި މަޢުލޫމާތުގެ އަލީގައި ބިނާކުރަނިވި އައު ޚިޔާލުތައް ބަދަލުކުރުމަށް ބާރުއެޅުމެވެ.

ޕެންޝަން އޮފީހުން ސިލްސިލާކޮށް އިންތިޒާމުކުރަމުންދާ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިޞާދީ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ފަހިކޮށްދޭ މަންސައެކެވެ. މިއަހަރު ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން ބާއްވާއިރު، މި ފޯރަމް މެދުވެރިކޮށް ދިވެހި އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށް، އަލަށް ފާހަގަކުރެވޭ ފުރުޞަތުތަކާއި، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަގުފަހިވެގެންދެއެވެ.

ފައިނޭންސް ފޯރަމާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ނުވަތަ ރަޖިސްޓަރކުރެއްވުމަށް:  www.financeforum.mv

މިއަދު އޮންލައިން