ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގެ ސަބަބުން، ތަރައްޤީއަށް އިސްކަންދޭ ދާއިރާތަކުގައި އެކަންކަން ބޭނުންކުރެވޭނެ ގޮތްތަކާމެދު ފުންކޮށް މަޝްވަރާކޮށް، ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ފޯރަމަކީ އިޤްތިޞާދީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. އަދި މި ފޯރަމްގެ ސަބަބުން ރާއްޖެއަށް ކުރިއެރުން ލިބޭނެ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކަށް އިސްކަންދީގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާގެ އިޤްތިޞާދީ މާހައުލުގައި ބޮޑެތި ތަފާތުތަކެއް ހުރިނަމަވެސް، ދެ ޤައުމު ގުޅިގެން ޢަމަލީގޮތުން ފައިދާކުރަނިވި މަސައްކަތްތަކެއް ކުރުމަށް އޮތް ފުރުސަތު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުމުގެ އައު މަރުހަލާއަކަށް އެޅުނު ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

"މި ފޯރަމްއިން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުންވެސް ބޭނުންވާ މިންވަރު ރަމްޒުކޮށްދޭ. މޯލްޑިވްސް އެކްސްޕޯ 2026 އާއެކު މި ފޯރަމް ކުރިއަށް ގެންދިއުމަކީ މި މަސައްކަތަށް ލިބޭ އިތުރު ކުރިއެރުމެއް،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެއިތުރުން، މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގެ ސަބަބުން ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތަކާއި، އެ ޤައުމުގެ ޒަމާނީ ޓެކްނޮލޮޖީއާއި ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން