އިޖުތިމާޢީ ނާޒުކު ޙާލަތްތަކަށް ޙައްލު ހޯދުމަށާއި، ފަޤީރުކަން ނައްތާލުމަށާއި، އަދި އެންމެން ޝާމިލުވާ، ވިލުންވެރި ދިވެހި މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލާ ފާޠިމަތު އަމީޒާ އަލިއަޅުއްވާލައްވައިފިއެވެ.
ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، އަމީޒާ ވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވަފައެވެ.
އިސްލާމީ ދީނުގައި އިޖުތިމާޢީ ވިލުންވެރިކަމުގެ މައިގަނޑު އަސާސަކީ ޒަކާތްކަން ފާހަގަކުރައްވަމުން، އިޖުތިމާޢީ އަދި އިޤްތިޞާދީ ފުޅާ ނިޒާމުތަކާ ގުޅިގެން ހަރުދަނާ ގޮތެއްގައި ޒަކާތް ބަލަހައްޓައިފިނަމަ، ނާޒުކު ޙާލަތްތަކަށް ޙައްލު ގެނެސްދީ، އޭގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ ދަތިތައް ކުޑަކުރުމުގެ ފުރުސަތު އެބައޮތްކަމަށް އަމީޒާ ވިދާޅުވިއެވެ.
އެގޮތުން ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ޒަކާތް ހަރުދަނާކަމާއެކު ބެލެހެއްޓުމާއި، ލަސްނުކޮށް އެ ސަރަޙައްދަކަށް ޒަކާތް ބެހުމާއި، އަދި ރައްކާތެރިކަމާއެކު ކަންކަން މެނޭޖްކުރުމުގެ ސަބަބުން ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިކަމަށް އިސްލާމީ ތާރީޚުން ފެންނާން އޮތްކަން އަމީޒާ ފާހަގަކުރެއްވިއެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ޒަކާތް ލިބެންޖެހޭ މީހުންގެ ޢަދަދަށްވުރެ ޒަކާތުގެ އާމްދަނީ އިތުރުވެ، ކުރިން ޒަކާތް ލިބިގަތް މީހުންނަކީ ޒަކާތް ދޭ މީހުންނަށް ބަދަލުވެގެންދިޔަކަންވެސް ފާހަގަކުރެއްވިއެވެ.
މި މިސާލުން އެނގިގެންދަނީ ޒަކާތުގެ އިދާރީ ހިންގުމުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ފުޅާ ދާއިރާއެއްގައި އިޤްތިޞާދީ ބާރުވެރިކަން ޤާއިމުކުރުމުން ފަޤީރުކަން ކުޑަކޮށް، ފަރަޤުތައް ކުޑަކޮށް، އަދި އިންސާނީ ކަރާމާތް އަލުން އިއާދަކުރުމަށް މަގުފަހިވާނެކަން ކަމަށް އަމީޒާ ވިދާޅުވިއެވެ.
މީގެއިތުރުން، ޒަމާނީ މުޖުތަމަޢުގެ އެކި އޮޅުންބޮޅުންތަކާއި، މުއައްސަސާތަކުގެ ޒިންމާތައް ތަފާތުވުމާއި، އަދި މުޖުތަމަޢުގެ ބޭނުންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، މޯލްޑިވްސް ޒަކާތު ހައުސްއަށް އެކަނި މި ލަނޑުދަނޑިތައް ޙާޞިލުނުކުރެވޭނެކަން އަމީޒާ ފާހަގަކުރެއްވިއެވެ. އަދި ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެއްބާރުލުން އިތުރުކޮށް، އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ހާމަކުރެއްވިއެވެ.
އިންޒެކް 2026 އިން ނުކުންނާނެ ނަތީޖާއާމެދު އުންމީދު އޮތްކަން ހާމަކުރައްވަމުން، ބައިނަލްއަޤްވާމީ ކީނޯޓް ސްޕީކަރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ޙިއްޞާކުރައްވާ މަޢުލޫމާތުތަކުގެ ސަބަބުން، ޤައުމީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ވިސްނުން ފުޅާވެ، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް އަމީޒާ ވިދާޅުވިއެވެ.
ކޮމިޝަނަރ ޖެނެރަލްގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ދެމެހެއްޓެނިވި އެއްބާރުލެއްވުމަށާއި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ލީޑަރޝިޕާއި މަސައްކަތްޕުޅަށާއި، ޒަކާތު ހައުސްގެ ޓީމުން ކުރަމުންދާ މިންނެތް މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުންނެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ އިންޒެކް 2026އަކީބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްގެ ތިންވަނަ އެޑިޝަނެވެ.