ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި، ވިޔަފާރިއާއި އިޤުތިޞާދީ ގުޅުން ބަދަހިކުރުމުގެ 5 އެއްބަސްވުމެއް ޤާއިމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި، ވިޔަފާރިއާއި އިޤުތިޞާދީ ގުޅުން ބަދަހިކުރުމުގެ 5 އެއްބަސްވުމެއް ޤާއިމުކޮށްފި

އަސާސީ ކާބޯތަކެތި އެތެރެކުރުމާއި ވިޔަފާރީގެ އެކި ދާއިރާތައް ހިމެނޭހެން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު 5 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ހިމެނޭ ގޮތަށް ސޮއިކުރެވުނު އެއްބަސްވުންތައް ހިމެނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގައި ކުރިއަށްދިޔަ "ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިންއެވެ.

ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާ ދެމެދު ވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީނު ދިނުމުގެ އިތުރުން ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރުމުގެ ދާއިރާއިން ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު ދެ އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ. އެއީ ގަނޑުކުރި މަސް ބޭރުކުރުމަށް މިފްކޯއާއެކު ވެވުނު އެއްބަސްވުމަކާއި، މަހުގެ އެހެނިހެން އުފެއްދުންތައް ބޭރުކުރުމަށް ހޮރައިޒަން ފިޝަރީޒްއާއެކު ވެވުނު އެއްބަސްވުމެކެވެ.

ހަމައެއާއެކު، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި އާންމު މުދާ އެތެރެކުރުމާއި، އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއް ބަދަލުކޮށްފައެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ އިޤުތިޞާދަށްވެސް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން