އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބާއްވާ ޚާއްޞަ ޖަލްސާ މާދަމާ މެންދުރުފަހު 1:30 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މާދަމާ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ޖުމުލަ އަދަދާއި އޭގެ ތަފްޞީލީ މައުލޫމާތު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މާލީ އިސްލާޙީ ފިޔަވަޅުތަކާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުހިންމު ކަންތައްތަކެއް މި ބަޖެޓުގައި ހިމެނޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ އަސްލަށް މާބޮޑެތި ބަދަލުތަކެއް ނުގެނައި ނަމަވެސް، ބައެއް ދާއިރާތަކުގެ ޚަރަދުތަކަށް ކޮމިޓީ މަރުޙަލާގައި ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި ކުރިން ކަނޑައެޅި އަދަދަށް 3.5 މިލިއަން ރުފިޔާ އިތުރުކުރަން އޭރު މަޖިލީހުން ނިންމިއެވެ. ފާސްކުރި ބަޖެޓުގެ 62 އިންސައްތަ ނުވަތަ 39.9 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. މީގެ ތެރޭގައި ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި، މުސާރައިގެ އޮނިގަނޑު އެއްހަމަކުރުން (ހާމަނައިޒްކުރުން) ހިމެނެއެވެ.

މި ބަޖެޓުގެ މައިގަނޑު އަމާޒު ހިފާފައިވަނީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ދާއިރާތަކަށެވެ. އެގޮތުން ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވުމަކީ މައިގަނޑު އެއް މަޤްޞަދެވެ. މީގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ޤައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިޤްތިޞާދީ އިންޖީނުތަކަށް އިންވެސްޓްކުރުން ބަޖެޓުގައި ހިމެނޭއިރު، މިއީ ޖީލުތަކެއް ވަންދެން ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް ހަޤީޤީ ތަރައްޤީ ގެނެވޭނެ އުޞޫލުން ފަރުމާކޮށްފައިވާ ބަޖެޓެކެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު ޓެކުހުގެ ގޮތުގައި ދައުލަތަށް 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ބޭރުގެ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިސާބުކޮށްފައެވެ.

އެހެންކަމުން، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ 2025 ވަނަ އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ނިސްބަތާ އަޅައިބަލާއިރު 6.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަދު އޮންލައިން