ފަގީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގައި ޒަކާތުގެ ދައުރު ފުޅާކުރުމަށްޓަކައި، ޒަކާތުގެ ގަވަރނަންސް ވަރުގަދަކުރުމާއި، މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވީ، ޒަކާތަކީ ހަމައެކަނި ދީނީ މާލީ ފަރުޟެއް ނޫންކަމާއި، މީގެއިތުރުން އެއީ ނާޒުކު ޙާލަތްތަކުގައިވާ މުޖުތަމަޢުތަކުގެ ކަރާމާތް ރައްކާތެރިކޮށްދިނުމަށާއި، އިޤްތިޞާދީ ފަރަގުތައް ކުޑަކުރުމަށާއި، އިޖުތިމާޢީ ބަދަހިކަން ވަރުގަދަކުރުމަށް އޮތް ބާރުގަދަ އިސްލާމީ ވަސީލަތެއް ކަމެވެ.
ޤައުމީ ފެންވަރުގައި ޒަކާތުގެ އޮނިގަނޑު ވަރުގަދަކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، މޯލްޑިވްސް ޒަކާތު ހައުސް އުފެއްދެވުމާއި ޒަކާތުގެ ޤާނޫނު ތަޞްދީޤުކުރެއްވުމަކީ، ޒިންމާދާރު އަދި އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޒަކާތުގެ ނިޒާމެއް ޤާއިމުކުރުމަށް ލިބުނު މުހިންމު ކާމިޔާބީތަކެއްކަން ފާހަގަކުރައްވާފައެވެ.
ޒަކާތުގެ ޙައްޤުވެރިންނަށް އެންމެ ފުރިހަމައަށް، އިންޞާފުވެރިކަމާއެކު ޒަކާތް ފޯރުކޮށްދިނުމަކީ އަސާސީ އިސްކަމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ހުއްދަކުރާ އިމުގެ ތެރެއިން، ޙައްޤުވެރިންނަށް މާލީ ތަނަވަސްކަމާއި، އިޤްތިޞާދީ އަމިއްލަފުދުންތެރިކަމާއި، ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ޤާބިލުކަން ޒަކާތުގައިވާކަން އެމަނިކުފާނު ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވިއެވެ.
ޒަކާތުގެ އިދާރީ ހިންގުމުގައި ޢަމަލުކުރަންޖެހޭ އިސްލާމީ އުޞޫލުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ޑރ. ޝަހީމް ސިފަކުރެއްވީ، ޒަކާތުގެ ފައިސާއަކީ އިޚްލާޞްތެރިކަމާއި، ނަޒާހަތްތެރިކަމާއި، ޒިންމާދާރުކަމާއެކު ބެލެހެއްޓެންޖެހޭ "އަމާނާތެއް" ގެ ގޮތުގައެވެ. އަދި ހަރުދަނާ މާލީ ހިންގުމާއި، އިސްލާމީ ޝަރީޢަތަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަކީ ޙައްޤުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ޒަކާތުގެ މުއައްސަސާތަކަށް އޮންނަ އިޢުތިބާރު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރްއާނުގެ އާޔަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވަނީ، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތް ދިނުމަށާއި، ކީރިތި ރަސޫލާއަށް ކިޔަމަންގަތުމަށް އަންގަވާފައިވާ އެންގެވުމުގެ މުހިންމުކަން ބަޔާންކުރައްވައި، އިސްލާމްދީނުގައި ޒަކާތަށް ދެވިފައިވާ ރޫޙާނީ އަދި އިޖުތިމާޢީ މަތިވެރި މަޤާމު ހަނދާންކޮށްދެއްވާފައެވެ.
މީގެއިތުރުން، ޢިލްމުވެރިންނާއި، ޒަކާތުގެ މުއައްސަސާތަކާއި، ކަމާގުޅޭ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ޒަކާތު ހިންގުމުގައި ކާމިޔާބު އުޞޫލުތައް ބޭނުންކުރުމުގެ ތެރެއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ވަޒީރު ޑރ. ޝަހީމް ގޮވާލެއްވިއެވެ.
ވަޒީރު އެދިވަޑައިގެންނެވީ، "އިންޒެކް" އަކީ ފަންނީ ތަޖުރިބާ ބަދަލުކުރުމަށާއި، މުއައްސަސާތަކުގެ ދެމެދު އެއްބާރުލުން ވަރުގަދަކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމަޢުތަކަށް ކުރިމަތިވާ އާންމު ގޮންޖެހުންތަކަށް ޢަމަލީ ޙައްލުތައް ހޯދުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވޭ ބައިނަލްއަޤްވާމީ ކޮންފަރެންސަކަށް ވެގެންދިއުމަށެވެ.
ތަޤްރީރު ނިންމަވާލައްވަމުން ވަޒީރު ވަނީ، ފަގީރުކަން ކުޑަކުރުމަށާއި، އިޖުތިމާޢީ ޢަދާލަތު ކުރިއެރުވުމަށާއި، އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެކުވެރިކަމާއެކު ޒަކާތުގެ ނިޒާމު ކުރިއެރުވުމުގެ މުހިންމުކަން އަލިއަޅުވާލާފައެވެ. އަދި މޯލްޑިވްސް ޒަކާތު ހައުސްއަށާއި ކޮންފަރެންސްގެ ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވައި، އިންޒެކް 2026 ވެގެންދާނީ ޒަކާތުގެ މުއައްސަސާތައް ވަރުގަދަކުރުމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދެމެހެއްޓެނިވި އިސްލާމީ އިޖުތިމާޢީ ތަރައްޤީއަށް ނުހަނު ފައިދާހުރި ޚިދުމަތެއް ކުރާނެ ކޮންފަރެންސަކަށް ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.