ރައްޔިތުންނަށް ނުލިބޭ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ދެމުންދާތީ، އެ ޚިދުމަތް ކަނޑާލުމަށް ގޮވާލައި ހުށަހެޅުނު ޕެޓީޝަނާ ގުޅިގެން މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެވޭނެ ގޮތެއް ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
ހަތް ހާހަށްވުރެ ގިނަ ރައްޔިތުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މި ޕެޓީޝަން، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށްފަހު އިތުރަށް ބެލުމަށް ފޮނުވާފައިވަނީ މާލިއްޔަތު ކޮމިޓީއަށެވެ. އެ ކޮމިޓީގެ ބައްދަލުވުމުގައި، ރާއްޖޭގައި ދެމެހެއްޓެނިވި އުސޫލަކުން އެންމެންނަށް ވެސް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދިރާސާކުރުމަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގެވެ. މި ހުށަހެޅުއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ ތާއީދުކުރައްވާފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު އަޒާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ޚާއްޞަ ޤާނޫނެއްގެ ދަށުން ކަމުގައިވީ ނަމަވެސް، ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭހެން ދައުލަތުގެ ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ޚާއްޞަ އިންޝުއަރެންސް ދެމުންދާ ކަމަށެވެ. އެހެންކަމުން، ހަމައެކަނި މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމުގެ ބަދަލުގައި، ދައުލަތުން މި ޚިދުމަތް ލިބޭ އެންމެހައި ފަރާތްތައް ހިމެނޭގޮތަށް ޚަރަދުކުޑަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް މުޅި ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތައް ބަލައިގަނެ، ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށްގެން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލަ ފުރިހަމައަށް ބަލައި ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގައިގެން މަސައްކަތް ކުރިއަށްގެންދިއުމަށް ޑރ. ޝަމްހީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުންތައް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.