އެމްއައިބީގެ މިއަހަރުގެ ފުރަތަމަ ޚާއްޞަ ޢާންމު ޖަލްސާ ނޮވެމްބަރު 10 ގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެމްއައިބީގެ މިއަހަރުގެ ފުރަތަމަ ޚާއްޞަ ޢާންމު ޖަލްސާ ނޮވެމްބަރު 10 ގައި ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިއަހަރުގެ ފުރަތަމަ ޚާއްޞަ ޢާންމު ޖަލްސާ (އީޖީއެމް) އަންނަ މަހުގެ 10 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޖަލްސާ ނިޒާމު ކަމަށްވާ "ފަހިވޯޓު" މެދުވެރިކޮށެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އެ ދުވަހުގެ ހެނދުނު 10:30 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި ޖަލްސާގެ މައިގަނޑު މަޤުޞަދަކީ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމެވެ.

މިގޮތުން ބޯޑަށް އާންމު ޑިރެކްޓަރަކު އައްޔަން ކުރުމުގެ އިތުރުން، ބޭންކުގެ ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ޑިރެކްޓަރަކު އައްޔަންކުރުމަށް މި ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

މި ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމުގެ ފުރުޞަތު ލިބިގެންވަނީ، މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ބޭންކުގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

ޝަރުޠުހަމަވާ ޙިއްޞާދާރުންނަށް infinity.mv ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އަށް ރަޖިސްޓްރޭޝަން ފޯމު އީމެއިލް ކޮށްގެން ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އެވެ.

އެމްއައިބީން ބުނެފައިވަނީ ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާއިރު، ބޭނުންވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަކުރުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ. ޖަލްސާގެ ރަޖިސްޓްރޭޝަން ފޯމު އެ ބޭންކުގެ އިންވެސްޓަރ ރިލޭޝަންސް ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިއަދު އޮންލައިން