ކަސްޓަމްސްއަށް ލިބެންޖެހޭ 461 މިލިޔަން ރުފިޔާ ނުލިބި ހުރިކަމަށް އޮޑިޓުން ދައްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކަސްޓަމްސްއަށް ލިބެންޖެހޭ 461 މިލިޔަން ރުފިޔާ ނުލިބި ހުރިކަމަށް އޮޑިޓުން ދައްކައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 2023 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 461 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އެ އިދާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކާ ގުޅިގެން ނެރުނު މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ބޮޑުބައެއް ދިގު މުއްދަތަކަށް ނުލިބި ވަނީ ޖަމާވެފައެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފައިސާ ހޯދުމަށް ވަގުތީގޮތުން ޚިދުމަތް މެދުކަނޑާލުމުގެ އުސޫލުގެ ދަށުން ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، 31 ޑިސެމްބަރު 2023 ގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ 461,016,716 ރުފިޔާ ނުލިބި ހުއްޓެވެ. މީގެ އިތުރުން، އޮޑިޓް މަސައްކަތަށް މެއި 2025 ގައި މައުލޫމާތު އެއްކުރިއިރު، އެ އަދަދުގެ ތެރެއިން ލިބިފައިވަނީ އެންމެ 10,164,272 ރުފިޔާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނުލިބި ހުރި ފައިސާގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީއެވެ. އެގޮތުން:

- އިމްޕޯޓް ޑިއުޓީގެ ގޮތުގައި 435.8 މިލިޔަން ރުފިޔާ

- ޖޫރިމަނާގެ ގޮތުގައި 21.1 މިލިޔަން ރުފިޔާ

- ރެވެނިއު ފީގެ ގޮތުގައި 1.9 މިލިޔަން ރުފިޔާ

- ރޯޔަލްޓީގެ ގޮތުގައި 1.9 މިލިޔަން ރުފިޔާ

ބޮންޑް ފީ އަދި ޕްރޮސެސިންގ ފީގެ ގޮތުގައި 92,203 ރުފިޔާ ހިމެނެއެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި، ކަސްޓަމްސްއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިޔަން ރުފިޔާއަކީ އެ އިދާރާއަށް ދެއްކުމަށް އެކި ފަރާތްތަކުގެ މައްޗަށް ކޯޓުތަކުން ހުކުމްކޮށްފައިވާ ފައިސާއެވެ. ނަމަވެސް އެ ފައިސާވެސް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ލިބިފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

އަދި ނުލިބި ހުރި ފައިސާގެ ތެރެއިން 135 މިލިޔަން ރުފިޔާއަކީ 3 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ފައިސާއެވެ. މި ފައިސާތަކަކީ ދައުލަތަށް ލިބެންޖެހޭ މުހިންމު އާމްދަނީއަކަށްވާތީ، ވީއެންމެ އަވަހަކަށް މި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ހަލުވިކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދެއްވާފައެވެ.

މިއަދު އޮންލައިން