މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ (އޮފްސެޓް ކުރެވޭނެ) އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ ޚާއްޞަ އުސޫލެއް މީރާއިން މިއަދު އާންމުކޮށްފިއެވެ. މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ކުންފުނިތަކުން ފައިސާ ލިބެންޖެހިފައިވާ ފަރާތްތަކަށް، މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެ ފައިސާއާ އަޅައިކެނޑުމުގެ ފުރުޞަތު ފަހިކޮށްދިނުމުގައި ޢަމަލުކުރާނެ ޢާންމު ހަމަތަކެއް ކަނޑައެޅުމެވެ.
މި އުސޫލުގެ ދަށުން ފައިސާ އަޅައިކަނޑައިދިނުމަށް އެދި ތިން ގޮތަކަށް ހުށަހެޅުމުގެ ފުރުޞަތު މީރާއިން ވަނީ ހުޅުވާލާފައެވެ. އެއީ މީރާކަނެކްޓް މެދުވެރިކޮށާއި، MIRA 904 (އެޖަސްމަންޓް ނުވަތަ ރީފަންޑަށް އެދޭ ފޯމު) މެދުވެރިކޮށް އަދި އީމެއިލް މެދުވެރިކޮށެވެ. މީގެ ތެރެއިން ކޮންމެ ވަސީލަތެއް މެދުވެރިކޮށް ހުށަހެޅި ނަމަވެސް، އެ ފަރާތަކަށް ލިބެންޖެހޭ ފައިސާގެ ފުރިހަމަ ތަފްޞީލު ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އަޅައިކެނޑުމަށް އެދޭ ފައިސާގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއެއް ނަމަ އެ އަދަދުތަކުގެ ސައްޙަކަން މީރާއިން ބަލާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާ މެދުވެރިކޮށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއް ނަމަ އެކަން ކަށަވަރުކުރާނީ އެ ފައިސާއެއް ނިސްބަތްވާ ކުންފުންޏަކާ ގުޅިގެންނެވެ. މިއަދު އަމަލުކުރަން ފެށި މި އުސޫލުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށް ބަލާނީ މާލީ ވުޒާރާއިން ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުނިތަކެވެ.
މި އުސޫލުގެ ދަށުން ފައިސާ އަޅައިކަނޑައިދިނުމުގައި އިސްކަންދޭނީ ނުދައްކާ ހުރި ފައިސާގެ ތަރުތީބުންނެވެ. އެގޮތުން އެންމެ ފުރަތަމަ އެ ފަރާތުން ދައްކަންޖެހޭ ޕްރިންސިޕަލް އަދަދަށް އިސްކަންދޭއިރު، އޭގެ ފަހުން ޖޫރިމަނާ އަދި އިންޓްރެސްޓް ފަދަ އަދަދުތަކާ އަޅައިކަނޑައިދޭނެއެވެ. ނަމަވެސް، ދައްކަންޖެހި ނުދައްކާ ހުރި ޕްރިންސިޕަލް އަދަދެއް ނެތް ޙާލަތްތަކުގައި، ސުންގަޑި ހަމަނުވާ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އަދަދުތަކާވެސް މި އިންތިޒާމުގެ ދަށުން އަޅައިކަނޑައިދެވޭނެ ކަމަށް މީރާއިން ހާމަކުރެއެވެ.