ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް!

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ މަސައްކަތް މިވަގުތުވެސް ހިނގަމުންދާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން (ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ) ހާމަކޮށްފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްހެން ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލައަށްވާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ. އަދި މި ސަރުކާރު ވެގެންދާނީ ދިވެހި ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް މާލެއާއި އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ އެކި ސްކީމްތައް ހިންގާފައިވީ ނަމަވެސް، އިތުރުވަމުންދާ އާބާދީއާއި ބޯހިޔާވަހިކަމަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން، މިއީ އަދިވެސް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އެހެންކަމުން، މި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބަހާލައިގެން ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ފަށާފައެވެ.

ހައުސިންގ މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ މަޝްރޫޢު ކުރިއަށްދަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެ ސަރަހައްދުގައި 21 މަޝްރޫޢެއް ކުރިއަށްދާއިރު، އައްޑޫ ސިޓީ އަދި ހދ. އަތޮޅުގައި ކޮންމެ ސަރަހައްދެއްގައި 9 މަޝްރޫޢު ދަނީ ހިނގަމުންނެވެ. މީގެއިތުރުން ގއ. އަތޮޅުގައި 8 މަޝްރޫޢު، ބ. އަތޮޅާއި ރ. އަތޮޅުގައި ކޮންމެ އަތޮޅެއްގައި 7 މަޝްރޫޢު، އަދި ގދ. އަތޮޅު، ތ. އަތޮޅު، މ. އަތޮޅު އަދި ޅ. އަތޮޅުގައި ކޮންމެ އަތޮޅަކުން 6 މަޝްރޫޢު ކުރިއަށްދެއެވެ.

ހަމައެއާއެކު، ލ. އަތޮޅާއި ހއ. އަތޮޅުގައި ކޮންމެ އަތޮޅެއްގައި 5 މަޝްރޫޢު، ދ. އަތޮޅުގައި 4 މަޝްރޫޢު، އަދި ފުވައްމުލައް ސިޓީގެ އިތުރުން އއ. އަތޮޅު، ނ. އަތޮޅު އަދި ށ. އަތޮޅުގައި ކޮންމެ ތަނެއްގައި 3 މަޝްރޫޢު ދަނީ ކުރިއަށެވެ. އަދި އދ. އަތޮޅުގައި 2 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުތައް އަވަހަށް ނިންމައި، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ހިތްހަމަޖެހިގެން ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

މިއަދު އޮންލައިން