ވަކިއަތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ބައްޓަންކުރުމުގައި ސަރުކާރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަންޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ހަވާލުވުމުގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ވަކި އަތަކަށް ބުރަވެ، ވަކި ފަރާތަކުން ރާއްޖެ ކޮންޓްރޯލްކުރުމަށް މަގުފަހިވާގޮތަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާތަކާ ކުރިމަތިލާންޖެހުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވަނީ ސަރަހައްދީ މަސްލަޙަތާއި، ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް އިސްކުރުމަށެވެ. އެގޮތުން އެއްވެސް ޤައުމެއްގެ އަސްކަރީ ނުވަތަ އެނޫންވެސް ކޮންޓްރޯލެއް ރާއްޖޭގެ މައްޗަށް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ވަކި ޤައުމެއްގެ "ޕަޕެޓަކަށް" ވެގެން އުޅުމުގެ ސިޔާސަތު މިހާރު ފަސްލާ ވަޅުލެވިފައިވާ ކަމަށެވެ.
"ވަކި ޤައުމެއްގެ ޕަޕެޓަކަށް ވާގޮތަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާކަމެއް ނޫން. އެ ސިޔާސަތު މަޑުމަޑުން މިދިޔަ 3 އަހަރު އަޅުގަނޑުމެން މިއޮތީ ފަސްލާ ވަޅުލައި ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރީގެ ރައީސް މާމޫން އަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ގެންގުޅުއްވި ހަރުދަނާ، ވަކިއަތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތަށް ތަޢުރީފު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީވެސް ހުރިހާ ޤައުމުތަކާއެކު ވީހާވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށާއި، އެހެން ޤައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މުސްލިމް ޤައުމުތަކާއެކު އޮންނަ އަޚުވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށާއި، ސާކްގެ ބައްދަލުވުންތައް އަލުން ބޭއްވި ސަރަހައްދީ ސުލްޙަ އާއި ރައްކާތެރިކަން ޤާއިމްވެގެން ދިއުމަކީ އެމަނިކުފާނުގެ ބޮޑު އުއްމީދެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.