އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ އިސް އަމާޒަކީ، 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ބިންގާ އެޅުން ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުރާސްތާގެ ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެގޮތުން، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ވުމަށްޓަކައި ބޭނުންވާ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ އަމަލީ ފެށުން މި ބަޖެޓުން ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އިގްތިސާދީ ހަމަޖެހުން ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ ހަރުދަނާ އުސޫލުތައް މި ބަޖެޓުގައި އެކުލެވިގެންވާނެކަން ވަޒީރު ބަޔާންކުރެއްވިއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، "މި އިއްޒަތްތެރި މަޖިލީހަށް، އަޅުގަނޑު މިއަދު ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމަށްޓަކައި އެޅޭ ބިންގަލެއް. މި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވައިލާފައިވާ ބަޖެޓެއް،" ކަމަށެވެ.
މި އަމާޒުތައް ހާސިލުކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، ވަށާޖެހޭ ނިންމުންތަކެއް ނިންމުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ބިންގާ ވަރުގަދަވެގެންދާނެ ކަމަށާއި، އާންމު ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އިގްތިސާދީ ގޮތުން ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ހޯދާ ކޮންމެ ކުރިއެރުމަކީ އަންނަން އޮތް ޖީލުތަކަށް ފާގަތި އަދި ވިލުންވެރި ގައުމެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަމަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2040 ގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ސާފު މިސްރާބެއް ކަނޑައަޅައިދޭ ގައުމީ ތަރައްގީގެ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ތަރުތީބުކުރެވިގެންދާނެއެވެ. އަދި ގައުމުގެ މާލިއްޔަތު ދެމެހެއްޓެނިވި މިސްރާބަކަށް ގެނެސް، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ މި ތަރައްގީގެ ޕްލޭންގެ އެންމެ މުހިންމު އެއް އަސާސް ކަމުގައި ވަޒީރު ވިދާޅުވިއެވެ.