މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ފަސިންޖަރުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި މާދަމާ މާލެއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރުމަށް ހަމަޖެހިފައި އޮތް އުމްރާ ފްލައިޓް ފަސްކޮށްފި އެވެ. މި ދަތުރު އިންތިޒާމުކުރާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
އައިލެންޑް އޭވިއޭޝަނުން މިރޭ ނެރުނު ޚާއްޞަ ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން އެ ކުންފުނިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު އިންތިހާއަށް ގޯސްވެފައިވާ ކަމަށާއި، ލިބެމުންދާ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި މިހާރު އޮތް ނުރައްކަލުގެ މިންވަރަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސީދާ ބުރޫއަރާފާނެ ފަދަ ހާލަތެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
މެދުއިރުމަތީގެ މި ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުންނާއި ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ވެސް ދަނީ ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތަކަށް ބަދަލުތައް ގެންނަމުންނެވެ. އަދި ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ވެސް މިވަގުތު ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި ކަންކަމަށް ރިއާޔަތްކޮށް، މާދަމާ ފަށަން ހަމަޖެހިފައިވާ އުމްރާ ދަތުރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީޚަކަށް ފަސްކުރަން ވަނީ ނިންމާފަ އެވެ.
މި ނިންމުމާ ގުޅިގެން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އައިލެންޑް އޭވިއޭޝަނާއި ޙައްޖު ކޯޕަރޭޝަނުން ވަނީ މައާފަށް އެދިފަ އެވެ. ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް ކަމަށްވާތީ، ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާނެ އެހީތެރިކަން ދެ މުއައްސަސާއިން ވެސް ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ދެ ކުންފުނިން އިތުރަށް ބުނެފައިވަނީ، މަސްރަހު ހަމައަކަށް އެޅި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވުމުން، އުމްރާ ދަތުރުކުރާނެ އައު ތާރީޚެއް ވީއެންމެ އަވަހަކަށް ފަސިންޖަރުންނަށް އަންގާނެ ކަމަށެވެ.